ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންނަކީ ފިނޑި، ދެކޮޅުނުޖެހޭ، ޣައިރު ޒިންމާދާރު ބައެއް ކަމަށާއި އެމްޑީޕީއަށް ދެވަނަ ފަހަރަށް މަޖިލިސް މެޖޯރިޓީ ދިނުމަކީ ރައްޔިތުންގެ އަތުން ހެދޭނެ ބޮޑު ގޯހަކަށް ނޫނީ ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ދިވެހިންގެރާއްޖެ މަޖިލީހަށް" މިނަމުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކުރިއަށް ގެންދާ މަޖިލިސް އިންތިހާބުގެ ކެންޕެއިންގައި މާފަންނު ހުޅަނގު ދާއިރާގެ ކެނޑިޑޭޓު މުހައްމަދު މުސްތަފާގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަމުން ގެންދާ ކަންކަން ރައްޔިތުންނަށް އޮޅިފައިނުވާ ކަމަށާއި ކަންކަން އޮޅުވާލުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތްތައް ރައްޔިތުން މިއަދު ބަލައިނުގެންނާނެ ކަމަށެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމުގައިވާއިރު މި ފަސް އަހަރުގެ ދައުރު ނިމޭއިރު މި ރާއްޖޭގައި ގޯތި ނުލިބޭ އެކަކު ވެސް ނުހުންނާނެ ކަމަށާއި އެ ވައުދުފުޅާ އެއްގޮތަށް ކަންތައްތައް ކުރެވޭނީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ލިބިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ ނޫން ގޮތަކަށް އެކަން ވެއްޖެ ނަމަ މަޖިލީސްގެ ތެރެއިން އެމްޑީޕީން މަސައްކަތް ކުރާނީ އެއްވެސް އަސާސެއް ނެތި، މި ހަތަރު މަސް ދުވަހު ވެސް ކަންތައްތައް ކުރި ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުން އަމަލުކުރަމުން ގެންދަނީ އޮޅުވާލުމާއި މަކަރު ހެދުމުގައި ކަމަށާއި ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގެ ބިލް ވެސް ބޭރުކޮށްލާފައިވަނީ އެގޮތަށް އޮޅުވާލައިގެން މަކަރުން ކަމަށް ޕީޕީއެމް/ޕީއެންސީ ޕީޖީ ގްރޫޕުން ރައްޔިތުންނަށް ހާމަކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެހާ ފިނޑި، ދެކޮޅުނުޖެހޭ، ޣައިރު ޒިންމާދާރު ބައެއް މިހާރު (އެމް.ޑީ.ޕީން) މަޖިލީހުގައި އެ ތިބީ. އެމީހުންނަށް ދެވަނަ ފަހަރަށް ފުރުސަތު ދިނުމަކީ އަޅުގަނޑުމެންނަށް އަތުން ހެދޭ ބޮޑު ގޯހަކަށް ނޫނީ ނުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ބަރަކާތްތެރި ރަމަޟާން މަހު ރައްޔިތުންނަށް ނިންމޭނެ އެންމެ މުހިންމު ނިންމުމަކީ އިހުލާސްތެރިކަމާއި ތެދުވެރިކަން އިސްކޮށް، ގައުމަށްޓަކައި އިހުލާސްތެރިވުން ކަމަށެވެ. އަދި ދަރިންގެ މުސްތަގުބަލް ހެޔޮ ގޮތުގައި ބިނާކުރުމަށް އަޒުމް ކަނޑައަޅާ ސަރުކާރަށް ތާއީދުކުރާ ކެނޑިޑޭޓުން ހޮވުމަށް ރައްޔިތުންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި އެވެ.