ލުބުނާންގެ ހާލަތު މިހާރު އޮތް ގޮތުން އިސްތިޢުފާ ދެއްވެން ނެތް ކަމަށް އެ ޤައުމުގެ ރައީސް މިޝެލް އައުން ވިދާޅުވެއްޖެ އެވެ.
ފަރަންސޭސްވިލާތުގެ ބީއެފްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އައުން ވިދާޅުވީ، އެމަނިކުފާނު މިވަގުތު އިސްތިޢުފާ ދެއްވައިފިނަމަ ލުބުނާނުގައި ވެރިކަންކުރާނެ އިތުރު ފަރާތެއް ނެތި، އެ ޤައުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އަދި އެމަނިކުފާނު މިހާރުން މިހާރަށް އިސްތިޢުފާ ދެއްވައިފިނަމަ ވަގުތުން ރައީސަކު ހޮވަން އިންތިޙާބު ބާއްވަން ޖެހޭނެކަމަށް ވިދާޅުވެ، ލުބުނާނުގެ ހާލަތު މިހާރު އޮތް ގޮތުން އެފަދަ އިންތިޙާބެއްގެ އިންތިޒާމްތައް ހަމަޖައްސާނީ ކިހިނެއްތޯ ރައީސް އައުން ވަނީ ސުވާލުކުރައްވައިފަ އެވެ.
ބެއިރޫތުގެ ގޮވުމުގެ ހާދިސާގެ ތަޙުޤީޤާއި ބެހޭގޮތުން ސުވާލުކުރުމުން ރައީސް އައުން ވިދާޅުވީ ލުބުނާން ސަރުކާރުން ހީކުރިހާ އަވަހަށް އެ ތަޙުޤީޤު ނިމޭނެކަމަށް ދެކިނުލައްވާ ކަމަށެވެ. އަދި ލުބުނާންގެ ޖުޑީޝަލް ކައުންސިލުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޮގަސްޓް 4 ގައި ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާގައި 200 އަށްވުރެ ގިނަ މީހުން މަރުވެ، 6000 އެއްހާ މީހުން ޒަޚަމްވެފައިވާއިރު، 300،000 މީހުންގެ ގެދޮރުވަނީ ގެއްލިފަ އެވެ. މި ހާދިސާއާއި ގުޅިގެން ކުރި މުޒާޚަރާތަކުގެ ސަބަބުން އެ ޤައުމުގެ ކެބިނެޓުގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އިސްތިޢުފާ ދެއްވައިފަ އެވެ. އިސްތިޢުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިއާބު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އިސްތިޢުފާ ދެއްވަމުން ދިއާބު ވިދާޅުވެފައި ވަނީ ލުބުނާނުގެ ދައުލަތްވަނީ ކޮރަޕްޝަނުން ފުރިފައި ކަމަށެވެ.
ބެއިރޫތުގެ ގޮވުމުގެ ހާދިސާއާއި ގުޅިގެން ލުބުނާނަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ފަރަންސޭސްވިލާތާއި އދ. އިން އިސްނަގައިގެން ބޭއްވި ބައިނަލްއަޤްވާމީ ބައްދަލުވުމުގައި 398 މިލިއަން ޑޮލަރު ވަނީ ހޯދައިފަ އެވެ.



advertisment