ގދ ވިިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ދުބާއީގެ ބްރިޖް ހަލީފާ ހެދި ކުންފުންޏާ ހަވާލުކޮށްފި އެެވެ.
މިކަމާ ބެހޭ އެމްއޯޔޫގައި ސޮއިކުރުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ގއ. ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަަރާތުން ސޮއިކުރެއްވީ އިންފްރާސްޓަރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ކޮންޓްރެކްޓަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއް ކަމުގައިވާ އެންވީ ބީސިކްސް އޭސްއޭ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ސާވް ޑޮލްމަންޑެވެ.
އެ ޖަލްސާގައި މި ކުންފުންޏާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕްރިންސިޕަލް އެޑްވައިޒަރ ޓުދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްމަންޓް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ވިލިގިނލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުއިއްޒުގެ ހުވަފެންފުޅެއް ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރެވޭނެ ވަރުގެ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
ޖަނާހު ވިދާޅުވީ މި ކުންފުންޏަކީ ދުނިޔޭގެ 40 ވަނަ އަށް އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމަށާއި އެ މީހުންގެ އެންމެ އަހަރެއްގެ ފައިދާއިން ވެސް ވިލިނގިލީގެ އެއާޕޯޓް އެޅުމުގެ ގާބިލްކަން އެ ކުންފުނީގެ ކިބައިގައި އެބަހުރި ކަމަށެވެ.
"މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާއަކީ 3.6 ބިލިއަން ޔޫއެސްޑޮލަރު. އެެމީހުންގެ މިދިޔަ އަހަރުގެ ފައިދާއަކީ 300 މިލިއަން ޑޮލަރު. އެހެންވީމަ އެއް އަހަރު ފައިދާއިން ވެސް އެމީހުންނަށް މިތާނގައި އެއާޕޯޓް އަޅާލެވޭނެ ކަމަށް އަޅުގަނޑު ގަބޫލްކުރަނީ،" ޖަނާހު ވިދާޅުވި އެވެ.
ޖަނާހު ވިދާޅުވީ ވިލިނގިލީގެ އެއާޕޯޓަކާއި ޓޫރިޒަމް ހަބެއް އެ އަތޮޅުގައި ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް އެ ކުންފުނިން މިއަދު ހަވާލުވެފައިވާއިރު ބްރިޖް ހަލީފާގެ ތަޖުރިބާއާ އެކު އެ ކުންފުނިން ވިލިނގިލީގައި ތަރައްގީކުރާ އެއާޕޯޓް، ބްރިޖް ހަލީދާ ފަދަ މަޝްހޫރު ޕްރޮޖެކްޓަކަށް ވެގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.
"ބްރިޖް ހަލީފާގެ ތަޖުރިބާއާ އެކީގައި އެވަރުގެ ހުސް އިމާރާތެއް ނޫނަސް ވިލިނގިލީގެ އެކަފަރުގައި ފަތުރާލެވޭ ރީތި ރަށްތަކާއި އެއާޕޯޓަކީ ހަމަ ބްރިޖް ހަލީފާ ފަދަ މަޝްހޫރު ޕްރޮޖެކްޓަކަށް ވެގެންދާނެ،" ޖަނާހު ވިދާޅުވި އެވެ.
ބްރިޖް ހަލީފާ ފަދަ މަޝްހޫރު ނަމެއް މި ޕްރޮޖެކްޓަށް ދިނުމުގެ ގޮތުން ވިލިނގިއްޔާ އެ އަތޮޅު ރައްޔިތުންނަށް އެ ފުރުސަތު ދެއްވާ ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.
ޖަނާހު ވިދާޅުވީ ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓްގެ އެޅުމުގެ މި މަޝްރޫއުގެ މަސައްކަތް ނިމިގެން އަންނައިރު 3،400 މީޓަރުގެ ބޮޑު ރަންވޭއަކާއި ހެލިޕޯޓަކާއި ޔޮޓް މެރީނާއެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ހުވަދުއަތޮޅަށް 17 ރިސޯޓާ އެކު 5،000 ޓޫރިސްޓް އެނދު އަންނާނެ ކަމަށާއި މިއީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.



advertisment