ރައްޔިތުންނަށް ފެސޭހައެއްވާނެ އަދި ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނެ ކަަމަށް މާލޭ ސިޓީގެ އާ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރު އަދި އާ މެމްބަރުން ހުވާކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރައްވާނީ ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވެދެވެން އޮތް ހުރިހާ އެއްބާރުލުން ދީގެން ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވާނީ އެންމެނާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ސަރުކާރަށާއި މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ރައްޔިތަކަށް ފަސޭހައެއްވާނެ، ލާބައެއް ލިބޭ އެއްވެސް ކަމެއްގައި އަޅުގަނޑު ހުރަހަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު މިއަދު ސަރުކާރަށާއި އަދި ހުރިހާ މުއައްސަސާތަކަށް އަރުވަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެން ހުށަހަޅުއްވާ ކަންކަމަކީ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކަމުގައިވާތީ މާލޭ ސިޓީ ކައުންސިލްގައި ޕާޓީ ނިޒާމު ކޮންމެ ގޮތަކަށް އޮތް ކަމުގައިވީ ނަމަވެސް އެއްވެސް ހުރަހެއް އޮތް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމްގެ ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމުގައި މާލޭގެ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރެއްވި އެެވެ.
އާޒިމްގެ ވިދާޅުވީ މޭޔަރުކަމުގެ ކެންޕެއިންގައި މާލޭގެ ރައްޔިތުންގެ ކައިރިއަށް ވަޑައިގަތުމުން އެ ރައްޔިތުން އެދެނީ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ދަށުން ބްރިޖަކުން ގުޅާލެވޭ ހުޅުމާލެ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅުގެ އިތުރުން އުތުރުތިލަަފަޅުން ރައްޔިތުންނަށް ދޭން ކަނޑައަޅާފައިވާ ބޯހިޔާވަހިކަމަށް ދިއުމަށް ކަމަށެެވެ.
"މާލޭގެ ރައްޔިތުން އެދެނީ ބްރިޖަކުން ގުޅިފައިވާ އަަވަށްތަކަށް ދެވޭނެ ފުރުސަތު ފަހިވާން. އެމީހުން އެދެނީ ހުޅުމާލެ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅަށް އަމާޒުވި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ އެއްގޮތަށް ކަން ވެގެންދާން،" އާޒިމް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހަމައެކަނި ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުން އަދި އުތުރު ތިލަފަޅުން ވެސް ހައްލުވެގެން ނުދާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައަޅަންވާނީ ފޭރާން ހެޔޮ ސިޔާސަތެއް ކަމަށާއި އެގޮތުން މި ސަރުކާރުން ފެށި ރަސްމާލެ މަޝްރޫއަކީ އެ މައްސަލައަށް އޮތް ހައްލު ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި މިތާ ކައިރީގައި ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅާއި މިތަންތަނުން އެކަނި ހައްލެއް ނުވޭ. އަދި އުތުރުތިލަފަޅު ލިޔަސް ހައްލެއް ނުވޭ މާލޭގައި މިއޮއް ގެދޮރުގެ މައްސަލައެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ބްރިޖަކުން ގުޅާލެވިފައިވާ ތަންތަނުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވުމަށާއި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ކަންކަން ކުރިއަށްދާން މާލޭގެ ރައްޔިތުން އެދޭތީ އެމަގުން އެކަންކަން ކުރިއަށް ގެންގޮސްދެއްވުމަށް ރައީސް ޑރ. މުއިއްޒުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
އުތުރު ތިލަފަޅުން ބިން ދޫކުރުމަށް އެމްޑީޕީ ސަރުކާރުން ނިންމާފައިވާއިރު މިހާރު އޮތް ތިލަމާލެ ބްރިޖަކީ ތިލަމާލެއާ ހަމައަށް އެޅިގެންދާ ބްރިޖެއް ކަމުގައިވާއިރު އުތުރުތިލަފަޅާ ހަމައަށްދާން އިތުރު ދެ ބްރިޖް ބޭނުންވާ ކަމަށާއި އެ ބްރިޖް ވެސް މިސަރުކާރުން އަޅާނެ ކަމަށް ރައީސް ޑރ. މުއިއްޒު މި ރަސްމިއްޔާތުގައި ވިދާޅުވި އެވެ. އަދި މާލޭ ސަރައްހައްދުގައި މީހުން ދިރިއުޅޭނީ ގުޅިފައިވާ ތަންތަނުގައި ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.



advertisment