ފުށިދިއްގަރުފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރާ ރަސްމާލެ އާއި މާލެ "އަންޑާ ވޯޓާ ޓަނަލް" އަކުން ގުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި މެމްބަރުން ހުވާކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް އެންމެ ބޮޑަަށް ދިމާވެފައިވާ އެއް މައްސަަަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަންޖެހޭ ކަމަށެވެ.
"ބޮޑެތި ރަށްތަކުގައި ތަރައްގީ ގެންނަންޖެހޭ، މި ސަރަހައްދަށް ބަލައިފިއްޔާ އިތުރު ބިން ނުހިއްކައެއް މި މައްސަލައެއް ހައްލެއް ނުވޭ، އެހެންވެ އަޅުގަނޑުމެން ރަސްމާލޭގެ މަޝްރޫއު ފަށައިފައި މިވަނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީ ސަރުކާރުން ކަނޑައެޅި ސިޔާސަތުން އެކަނި އެ މައްސަަލަ ހައްލުވެގެންނުދާކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ކަނޑައަޅަންވާނީ ފޭރާން ހެޔޮ ސިޔާސަތެއް ކަމަށާއި މި ސަރުކާރުން ފަށައިފައިވާ ރަސްމާލެ މަޝްރޫއުން އެ މައްސަލަ އެއްކޮށް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި މިތާ ކައިރީގައި ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅާއި މިތަންތަނުން އެކަނި ހައްލެއްނުވޭ. އަދި އުތުރުތިލަފަޅު ލިޔަސް ހައްލެއް ނުވޭ މާލޭގައި މިއޮއް ގެދޮރުގެ މައްސަލައެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގެދޮރުގެ މައްސަލަ ހައްލުކުުރުމުގެ މަސައްކަތް ކުރައްވާނީ ހުރިހާ ކައުންސިލްތަކުގެ އެއްބާރުުލުމާ އެކުގައި ކަމަށާއި އެ މަސައްކަތަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިކަމުގައި ސިޔާސީ ވިސްނުން އިސްކޮށްފިއްޔާ ރައްޔިތުންނަށް ލިބޭނީ ގެއްލުން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލުކޮށްދިނުމަށް މި ސަރުކާރުން ތަރައްގީކުރާ ރަސްމާލެ އާއި މާލެ ކަނޑުއަޑިން ގުޅާލައި ޓަނަލެއް ގާއިމްކުުރުމަށްޓަކައި ބޭރުގެ ގާބިލް ކުންފުނިތަކާއެކު ފަންނީ ގިނަ މަސައްކަތްތަކެއް ފެށި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި މި ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރެއިންގައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ އިރާދަކުރެއްވިއްޔާ އަންޑާ ވޯޓާ ޓަނަލް މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތަކީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރަސްމާލެ އާއި މާލެ ގުޅުވާލަދޭ މި އަންޑާ ވޯޓާ ޓަނަލްގެ މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވައި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެ ބޮޑު މަޝްރޫއަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ބްރިޖް އެޅުމުގެ މަޝްރޫއުތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިި އެވެ. އެގޮތުން އައްޑޫ ސިޓީގައި އެޅުމަށް ކަނޑައަޅާފައިވާ ބްރިޖް އަޅާނީ ހަމައެކަނި އަނގަބަހުން ނޫން ކަމަށާއި އެ މަސައްކަތް ވެސް މިދައުރުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެނޫނަސް އެެހެން ސަރަހައްދުތަކުގައި އަޅަން ނިންމާފައިވާ ލޭންޑް ލިންކްތައް ވައުދުވެވަޑައިގެންވި ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅަށް ބިން އިތުރުކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރިއަށް ގެންދާއިރު ތިލަމާލެ ބްރިޖަކީ ތިލަފުއްޓާ ހަމައަށް އެޅިގެންދާ ބްރިޒެއް ކަމަށްވާއިރު އުތުރުތިލަފަޅަށް ދާން އިތުރު ދެ ބްރިޖް ބޭނުންވާ ކަމަށެވެ.
"އެބަ ބޭނުންވޭ އިތުރު ދެ ބްރިޖެއް އުތުރުތިލަފަޅާ ހަމައަށްދާން. އެ ދެ ބްރިޖްގެ މަސައްކަތަށް ބޭނުންވާ މަޝްވަރާތައް ވެސް އަދި ކުރެހުމާއި ތަފްސީލްތަކުގެ މަސައްކަތްތައް ވެސް ވަނީ ފެށިފައި. އަޅުގަނޑުމެން އެ ބްރިޖްތައް ވެސް އަޅާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ނިމިގެންދާއިރު މާލޭގެ ސަރަހައްދުގައި ވެސް މީހުން ދިރިއުޅެނީ ގުޅިފައިވާ ތަންތަނުގައި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މިި ފަސް އަހަރު ނިމޭއިރު ގެދޮރު ނުލިބޭ އެއްވެސް ދިވެއްސަކު މި ރާއްޖޭގައި ނުހުންނާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.



advertisment