Support Us

ރައީސް ޑރ. މުއިއްޒު "ބާލަން" އިންޑިއާ މިލިޓަރީ ފޮނުވަން ސުބްރަމާނިއަމް ގޮވައިލައިފި

އަންނަ މާޗް މަހުގެ 15 ގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން އެކަމާ ވަރަށް ހިތްހަމަނުޖެހިގެން، ރައީސް ޑރ. މުއިއްޒު ވެރިކަމުން "ބާލަން" އިންޑިއާ މިލިޓަރީ ފޮނުވަން އިންޑިއާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ނުފޫޒު ގަދަ ލީޑަރެއް ކަމަށްވާ ސުބްރަމާނިއަމް ސުވާމީ ގޮވާލައިފި އެވެ.

އިންޑިއާ ޕާލަމެންޓުގެ މެންބަރުކަމާއި ކެބިނެޓު ވަޒީރުކަން ވެސް ކޮށްފައިވާ ސުބްރަމާނިއަމަކީ 2018 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ "އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ" ކަމަށް އޭރުވެސް ބުނެފައިވާ މީހެކެވެ. އަދި އިސްލާމުންނާ ވަރަށް ދެކޮޅު ފިކުރު ފާޅުކުރާ މީހެކެވެ.

"އިންޑިއާގެ ސިފައިންނާއި އެ މީހުންނާ ގުޅިފައިވާ ފަރާތްތައް މާޗު 15ގެ ކުރިން ރާއްޖެއިން ބާލާނެކަމުގެ ޔަގީންކަން ބޮޑު ވަޒީރު މޯދީ ދެއްވަންޖެހޭނެ ކަމަށާއި ނޫން ނަމަ ނުބައި ނަތީޖާ ދައްކާލާނެ ކަމަށް ރާއްޖޭގެ ރައީސް މުއިއްޒު، ޗައިނާއަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު ވިދާޅުވެއްޖެ. އިންޑިއާގެ މޫނަށް ޗަކަ ޖެހި، ކާންދޭ މީހާ ނުދަންނަ ދިވެހިރާއްޖޭގެ ކުރިމަތީގައި މޯދީ ނަގޫ ފިއްތާލައިފައި ބަލި ގަބޫކުރައްވާނީތޯ؟ ނޫނީ ރަޖީވް ގާންދީ ފަދައިން އިންޑިއާގެ އާމީ އާއި އެއަރފޯސް އާއި ނޭވީ ފޮނުވައިގެން މުއިއްޒު ބަދަލުކުރާނީތޯ؟" ސުބްރަމާނިއަމް މިއަދު ކުރި އެކްސްއެއްގައި ބުނެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެންޕެއިންގެ އެންމެ ބޮޑު އެއް ވައުދުފުޅު ކަމުގައިވާއިރު އެ މަސައްކަތް ރައީސް ކަމުގެ ހުވާކުރެއްވުމުގެ ކުރިން ވަނީ ފައްޓަވައިފަ އެވެ. އަދި އެ މަސައްކަތަކީ ހަފްތާ14 ގައި ވެސް ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު އެއް ކަންތަކެވެ.

ދުބާއީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ކޮޕް ސަމިޓް ބައްދަލުވުގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަނީ ބައްދަލުކުރައްވައިފަ އެވެެ. އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމަށް ރާއްޖޭގެ ރައްޔިތުން ނިންމައިފައިވާ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް މޯދީ ވިދާޅުވި ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް އަވަސްކުރަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. އިންޑިއާއިން އެގޮތަށް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނީ އިއްޔެ އެ މިނިސްޓްރީގައި ބޭއްވި، ދެ ގައުމުގެ އިސް ބޭފުުޅުން ބައިވެރިވެވަޑައިގެން ބައްދަލުވުމަށްފަހުގައި ނެރެފައިވާ ނޫސް ބަޔާނެއްގަ އެވެ.

ސުބްރަމާނިއަމްގެ މި އެކްސްއާ ގުޅިގެން ދިވެހިންނާއި އިންޑިއާގެ ގިނަ ބަޔަކު ދަނީ އޭނާއަށް ރައްދު ދެމުންނެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ކަމަށް ސުބްރަމާނިއަމް ބުނެފައި ވަނީ ހަގީގަތެއް ނޫން ކަމަށާއި އަދި 1988 ނޮވެމްބަރު ތިނެއްގައި އިންޑިއާ ސިފައިން ރާއްޖެ އައީ ރާއްޖެ ހިފަން ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ސުބްރަމާނިއަމަކީ ބޮޑު މޮޔައެއް ކަމަށާއި މޯދީގެ ކެބިނެޓުން އޭނާ ބޭރުކުރީ ވެސް ސަބަބުތަކެއް އޮވެގެން ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *