Support Us

ސަރުކާރުގެ ވިސްނުމުގައި މަސައްކަތް ނުކުރާ ކެންޑިޑޭޓުުން ހޮވުމަކީ ބުއްދިވެރިކަމެއް ނޫން: ރައީސް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މަގާމަށާއި އެ ކައުންސިލުން ހުސްވެފައިވާ މެމްބަރުންގެ މަގާމަށް ކެނޑިޑޭޓުން ހޮވުމުގައި ކައުންސިލަށް ޖެއްސުންކޮށް, ސަރުކާރުގެ ވިސްނުމުގައި މަސައްކަތް ނުކުރާ ކެނޑިޑޭޓުން ހޮވުމަކީ މިވަގުތު މާލޭ ރައްޔިތުންނަށް ބުއްދިވެރިކަމަކަށް ނުވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޭޓް އާޒިމާ ޝުކޫރުގެ ކެންޕެއިން މެނިފެސްޓޯ ލޯންޗްކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށާއި މާލޭގައި ދިމާވެފައިވާ މަގާއި ޕާކިން މައްސަލައިގެ އިތުރުން މަސްމާރުކޭޓުގެ މައްސަަލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުން ކައުންސިލަށް ފުރުސަތު ނުދީ ހިފަހައްޓައި އޮބި އަޅުވާފައިވާ ކަމަށެވެ.

ނަމަވެސް މިހާރު އޮތީ ކައުންސިލަށް އެ ފުރުސަތު ދީގެން މަސައްކަތް ކުރާނެ ސަރުކާރެއް ކަމުގައިވާއިރު ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ވިސްނުން ނެތް ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެ ފުރުސަތުދީގެން މާލޭ ރައްޔިތުންނަށް އަނެއްކާ ވެސް ފެނިގެންދާނީ ކަންކަން ނުވެގެން އުޅޭތަން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުން މިކަން ކުރަން ތިއްބާ ސަރުކާރަށް ޖެއްސުން ކުރަން ނުވަތަ ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުން ނެތް ޕާޓީއަކުން މީހަކު ހޮވައިފި ނަމަ ކިހިނެއްތޯ ވާނީ މާލޭގެ މޭޔަރަކަށް، އަނެއްކާ މާލޭގެ ރައްޔިތުން ތަކުރާރު ކުރަން ޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭ ސިިޓީގެ މޭޔަރަކަށް އެމަނިކުފާނު އިންތިހާބު ވެވަޑައިގެންނެވި ދުވަހުން ފެށިގެން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަންކަން ކުރެއްވޭތޯ ޕްލޭނެއް އެކުލަވާލައްވައިގެން ބުރަ މަސައްކަތްތަކެއް ފެއްޓެވި ކަމަށެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަކީ ކައުންސިލުން ކޮށްލެވޭ ވަރުގެ ކަންކަން ކަމަށާއި އަނެއް ބައި ކަންކަމަކީ ކައުންސިލަށް ލިބޭ އާއްމުދަނީ އިތުރުކޮށްގެން ކުރެވޭ މަސައްކަތްތައް ކަމާއި ދެން ހުރީ ސަރުކާރުން އެެއްބާރުލުން ދީފިއްޔާ އެކަނި ކުރެވޭ ވަރުގެ ބޮޑެތި މައްސަލަތައް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަަކައި މާލޭގަ އާއި ވިލިމާލޭގައި ފްލެޓްތަކެއް އެޅުމަށްޓަކައި ހުރިހައި ކަމެއް ނިންމި، އެހެން ނަމަވެސް ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުން ނުދެއްވި. ނުދެއްވީމަ އެ ފްލެޓްތައް އެހެރީ ނޭޅި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި ދެވަނައަށް އެންމެ ބޮޑު އެއް މައްސަލައަކީ މަގުތަކާ ގުޅިފައިވާ މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށްޓަކައި އިމާރާތްތަކެއް މާލޭގެ ހައެއްކަ ސަރަހައްދެއްގައި އެޅުމަށްޓަކައި އިންވެސްޓަރުން ހޯދައިގެން ހުރިހާ ކަމެއް ނިންމުމުން ސަރުކާރުން ހުއްދަ ނުދިނުމުން އެކަން ވެސް ނުވީ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގެ މަސް މާރުކޭޓުގެ މައްސަލައަށް ވެސް ދިމާވީ ހަމަ އެފަދަ ގޮތެއް ކަމަށާއި ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީގެން މުޅި ދައުރު ނިންމާލަން ޖެހިފައިވާކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި މި ސަރުކާރުން ކަންކަން ކުރާނީ ލާމަރުކަޒީ ނިޒާާމުގެ ތެރެއިން ކަމަށާއި އެކަން އެގޮތަށް ކުރުމަށްޓަކައި ކައުންސިލްތަކަށް އެހީތެރިކަން ދޭނެ ފުލްޓަައިމް ވަޒީރަކު ހިމަނައިގެން ވުޒާރާއެއް އުފައްދައިގެން ކައުންސިލްތަކަށް ރެއާއި ދުވާލު ކަންކަން ފަހިކޮށްދެއްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލަށް ޖެއްސުން ކުރަން، ސަރުކާރަށް އުނދަގޫ ކުރަން ސަރުކާރުގެ ވިސްނުމުގައި ކަންކަން ނުކުރާނެ ވިސްނުމެއް ގެންނާނެ އޮޕްޝަނެއް ޗޫސްކުރުން އެއީ މިއަދު މާލޭގެ ރައްޔިތުންނަށް ބުއްދިވެރިކަމަކަށް ނުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރައްޔިތުން ރައީސަކާއި ސަރުކާރެއް މިގެންނަނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެމްބަރުންނާއި އެޕާޓީގެ ލީޑާޝިޕްއިން މަސައްކަތް ކުރަމުން ގެންދަނީ ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑު ކޮށްލަންކަން ފާހަގަކުރެއްވި އެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލަށް ކެންޑިޑޭޓުން ހޮވާއިރު ނަގާނީ ސަރުކާރަށް 100 ޕަސެންޓް އެއްބާރުލުން ދޭނެ ކެނޑިޑޭޓުންތޯ ނުވަތަ ޕާޓީ ލައިންއިން ގޮތެއް ނިންމައިފިނަމަ ދެން ކޮންމެ ގޮތެއް ވިޔަސް ވަރިހަމަވާނެ ކެނޑިޑޭޓުންތޯ މާލޭގެ ރައްޔިތުން މިއަދު ނިންމަންޖެހޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް އަދި ކައުންސިލަށް އަނެއް ތިން ގޮނޑިއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުން މާލޭގެ ރައްޔިތުން ހޮއްވަވާދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އޭރުން މާލޭގެ ތަރައްގީއަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަންް އެގޮތުގައި ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *