Support Us

މެޑިކަލް ޗެކަޕް ފުރަތަމަ ލިބޭނީ 50 އަހަރުން މަތީގެ މީހުންނަށް: އެންސްޕާ

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހިދުމަތް ފުރަތަމަ ދޭނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށް ހަމަޖައްސައި ސަރުކާރުގެ ސިއްހި ހިދުމަތް ދޭ މަރުކަޒުތަކުން މިއަދުން މި ފެށިގެން އެ ހިދުމަތް ދޭން ފަށައިފި އެވެ.

މެޑިކަލް ޗެކަޕް އަހަރަކު ދެ ފަހަރު ހެދޭ ގޮތަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އެކުލަވާލައި ސިޔާސަތެއް ތަންފީޒު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަފްތާ14 ކަނޑައަޅާފައިވާ ކަމެކެވެ.

މެޑިކަލް ޗެކަޕް ހެދުން މިއަދު ފެށުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އާސަންދައިން ބޭއްވި ނޫސް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ މެޑިކަލް ޗެކަޕް ބައްޓަންކޮށްފައިވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން، އެންމެ ގިނައިން ދިވެހިން ފަރުވާ ހޯދާ ބަލިތައް ދެނެގަނެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހިދުމަތް ހޯދައިފައިވަނީ ހަކުރު ބަލީގެ މީހުންނާއި ހިތުގެ ބަލީގެ މީހުންނާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީ ބަލީގެ ކެންސަރުބަލީގެ މީހުންނަށް ކަމަށެވެ.

ޒީނިއާ ވިދާޅުވީ 50 އަހަރުން މަތީގެ މީހުންނަށް އެންމެ ފުރަތަމަ މެޑިކަލް ޗެކަޕް ފެށީ ބޮޑެތި ބަލިތައް ބޮޑަށް ތަހައްމަލް ކުރަމުން ގެންދަނީ 50 އަހަރުން މަތީގެ މީހުން ކަމުގައިވާތީ ކަމަށެވެ.

"އަޅުގަނޑުމެން މި މެޑިކަލް ޗެކަޕް ޕެކޭޖްތައް ހަދައިފައި މިހިރީ ގުޅުން ހުރި ފަންނީ ބޭފުޅުންގެ ލަފާގެ މަތިން. މި ޕެކޭޖްތަކަށް ގެންނަންޖެހޭ ބަދަލުތައް ފަހުން ވެސް ގެންނާނީ ފަންނީ ބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު،" ޒީނިއާ ވިދާޅުވި އެވެ.

އެންސްޕާއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތް އެކިއެކި އުމުރު ފުރާއަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުންގެ ކުދިންނަށް (ސްކޫލް ސްކްރީނިން ޕްރޮގްރާމް މުރާޖާކުރުމަށްފަހު ތަންފީޒުކުރުން) މި ހިދުމަތް ފަށާނީ މިއަހަރުގެ އެޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މީގެ އިތުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މި ހިދުމަތް ލިބެން ފަށާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެެވެ.

"މި ޕްރޮގްރާމްގެ މަގުސަދަކީ ބޮޑެތި ބަލިތައް ކުރިއާލައި ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިިކުރުމާއި ދިވެހިރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމާއި އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުުރުންް،" އެންސްޕާގެ ބަޔާނުގައިވެ އެވެ.

ސަރުކާރުގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް މެދުވެރިކޮށް މެޑިކަލް ޗެކަޕްގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި އެމީހެއްގެ ހާލަތަށް ރިއާޔަތްކޮށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހަދަން ޖެޖޭ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެންސްޕާގެ ބަޔާނުގައިވެ އެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ރަށްރަށުގައި ނަމަ ސިއްހީ މަރުކަޒުތަކާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓާތަކުން، މާލޭގައި ނަމަ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަަލުން މިއަދުން ފެށިގެން އެޕޮއިންޓްމަންޓް ހެދުމަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުުޅުވާލައިފައިވާ ކަމަށް އެންސްޕާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *