ތެލަސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހަދައިދިނުމަށް މި ސަރުކާރުން ނިންމި ނިންމުމަށްފަހު ފުރަތަމަ ކުއްޖާ މިއަދު ރާއްޖެއިން ބޭރަށް ފުރައިފި އެވެ.
ހަފްތާ14″ ގެ ތެރޭގައި ސަރުކާރުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން މިހާތަނަށް ކުރިއަށް ގޮސްފައިވާ ކަންކަމާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ހިލޭ ބޯންމެރޯ ހެދުމަށް މިއަދު ފުރަތަމަ ކުއްޖާ ފުރާފައިވާއިރު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިތުރު ކުއްޖަކު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ.
"ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފަސް ކުއްޖަަކަށް ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ނިންމާފައިވޭ. އެ ހިދުމަތް ދައުލަތުގެ ހަރަދު ފޯރުކޮށްދިނުމަށް ނިންމާފައިވޭ،" ފިރުޒުލް ވިދާޅުވެފައިވެ އެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް ރާއްޖެއަކީ ތެލަސީމިއާގެ ހާލަތުގެ އެންމެ ގިނަ ގައުމެވެ. ރާއްޖޭގެ 16 އިންސައްތަ އަކީ އެންމެ އާއްމުކޮށް ފެންނަ ތެލަސީމިއާގެ ބާވަތް ކަމުގައިވާ ބީޓާ ތެލެސީމިއާ ކެރިއަރުންނެވެ. އަދި ބައެއް ރަށްރަށުގައި މުޅި އާބާދީގެ ތިން ބައި ކުޅަ އެއް ބަޔަކީ ތެލަސީމިއާ ކެރިއަރުންނެވެ.
ރާއްޖޭގައި ތެލަސީމިއާ ކެރިއަރުންގެ ދަފްތަރުގައި ޖުމްލަ 943 ފަރާތެއް ރަޖިސްޓްރީވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި ތިބީ 650 ފަރާތެކެވެ. އަދި އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި ދިރިއުޅެމުން އަންނަނީ މާލޭ ސަރަހައްދުގަ އެވެ.
ސަރުކާރުން ވަނީ ތެލަސީމިއާ ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ބޭހާއި އެހެެނިހެން ކޮންސިއުމަބަލް އާސަަންދައިގެ ތެރެއިން ބޭސް ސިޓީއަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ. އަދި ތެލަސީމިއާ ގުޅުން ހުރި ޓެސްޓްތައް ފަދަ ކަންތައްތައްް މިހާރަަށް ވުރެ ބޮޑަށް ފަސޭހައިން އާސަންދައިގެ ތެރެއިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ތެލަސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދި ނަމަވެސް އެ ކުދިންނަކީ އޭގެ ފަހުން ވެސް ގަަވައިދުން ބޭސް ފަރުވާ ކުރަންޖެހޭ ކުދިން ކަމުގައިވާއިރު ސަރުކާރުން ވަނީ ތެލަސީމިއާ ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ފަރުވާ ރާއްޖޭގައި ތިބެގެން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތްތައް ފަށައިފަ އެވެ.
ތެލަސީމިއާ ކުދިންނަށް ހިލޭ ބޯން މެރޯ ހަދައިދިނުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޒަކާތްފަންޑުން ހަރަދުކޮށްގެން ވަނީ ފައްޓަވާ ގިނަ ކުދިންތަކަކަށް އެ ފަރުވާ ހޯދައިދީފަ އެވެ.
ހިލޭ މޯން މެރޯ ހަދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ވައުދެފުޅެކެވެ.
ތެލެސީމިއާ ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން މާލޭ ސަރަހައްދުގައި އެޅުމަށް ސަރުކާރުން ހަމަޖައްސާފައިވާ ހޮސްޕިޓަލެކެވެ.



advertisment