Support Us

ރައީސް ޑރ. މުއިއްޒުގެ ތުރުކީއާއި ދުބާއީ ދަތުރަށް 3.4 މިލިއަން ރުފިޔާ: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށާއި ދުބާއީއަށް ކުރެއްވި ދަތުރަށް ދައުލަތގެ ބަޖެޓުން ހަރަދުވި ޖުމްލަ އަދަދަކީ 3.4 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒުގެ އެ ދަތުރުފުޅުގެ ހަރަދުތަކާ ބެހޭ މައުލޫމާތުތައް މީޑިއާއަށް ދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ތުރުކީއަށާއި ދުބާއިއަށް ކުރެއްވި ދަތުރުފުޅަށް ޖުމްލަ ހަރަދުވެފައިވަނީ 3،489،165.12ރ. ކަމަށެވެ.

ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނާ އެކު އެ ދެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓް ހަރަދުގެ ތަފްސީލް ދެެއްވަމުން ޝަހީބު ވިދާޅުވީ ފަސްޓް ކްލާސްގެ ހަތަރު ޓިކެޓެއް 683،229.36ރ. ހަރަދުވެފައިވާ ކަމަށެެވެ. އަދި ބިިޒްނަސް ކްލާހުގެ 12 ޓިކެޓަށް 1،539،239.82ރ. ހަރަދުވެފައިވެ އެވެ. އަދި އިކޮނޮމީ ކްލާހުގައި ދަތުރުކުރެއްވި 12 ބޭފުޅުންގެ ޓިކެޓަށް 232،086.42ރ. ހަރުދުވެފައިވެ އެެވެ.

މި ދެ ދަތުރުގެ ޓިކެޓާށް ޖުމްލަ ހަރާދުވެފައި ވަނީ 2،454،555.60ރ. އެވެ.

ތުރުކީ ދަތުރުފުޅަށް 22 ބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި 217،828ރ. ހަރުދުވެފައިވާއިރު އިންސިޑެންޓަލް އަށް 41،548.80. ހަރުދުވެފައިވެ އެވެ.

ޝަހީބު ވިދާޅުވީ ތުރުކީގައި ރައީސް ޑރ. މުއިއްޒުގެ ވަފުދުގެ ބޭފުޅުންނަށް އެކަމޮޑޭޝަނާއި ފަރިއްކޮޅު ހަރަދާއި އެތެރޭގެ ދަތުރުތައް ހަމަޖައްސަވައިދެއްވީ ތުރުކީގެ ސަރުކާރުން ކަމަށެވެ. އަދި އިސްތަންބުލް-އަންކާރާ-އިސްތަންބުލްގެ ފްލައިޓް ދަތުރުތައް ހަމަޖައްސަވައިދެއްވީ ވެސް ތުރުކީ ސަރުކާރުން ކަމަށެވެ.

ދުބާއީގެ ދަތުރުފުޅުގައި 19 ބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި 182،546ރ. ހަރަދުވެފައިވެ އެވެ. އަދި ނުވަ ބޭފުޅުންގެ ފަރިކޮޅުގެ ހަރަދުގެ ގޮތުގައި 145،944.76ރ. ހަރަދުވެފައިވާއިރު ޓްރާންސްޕޯޓަށް 75،488.38ރ. ހަރަދުވެފައިވެ އެވެ. އަދި ނުވަ ބޭފުޅުންގެ އެކޮމޮޑޭޝަންގެ ހަރަދެއްގެ ގޮތުގައި 168،892.06ރ. ހަރުދުވެފައިވެފައިވާއިރު ސިމްކާޑު ހަރަދަށް 26،412.59ރ. ހަރަދުވެފައިވެ އެވެ.

މީގެ އިތުރުން ދުބާއީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް 155،182.21ރ. ހަަރަދުވެފައިވާއިރު އިންސިޑެންޓަލް އަށް 20،766.72ރ. ހަރަދުވެފައިވެ އެވެ. ޖުމްލަ ދުބާއީ ދަތުރުފުޅަށް 775،223.72ރ. ހަރަދުވެފައިވެ އެވެ.

ދުބާއީ ދަތުރުފުޅުގައި 10 ބޭފުޅެއްގެ އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަަަރަދު ހަމަޖައްސަވައިދެއްވީ ޔޫއޭއީ ސަރުކާރުންކަން ޝަހީބު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިދިޔަ މަހު 17 ކުރެއްވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ފުރަތަމަ ދަތުރުކުރައްވާފައިވަނީ ތުރުކީއަށެވެ. އެ ގައުމަށް ވަޑައިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ވަނީ ބައްދަލުކުރައްވައިފަ އެވެ. ތުރުކީ ދަތުރުފުޅަށް ފަހު އެ މަނިކުފާނު ވަޑައިގަތީ ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށެވެ.

ރައީސް ޑރ. މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ. މިއީ ރައީސްގެ ދަތުރުފުޅުތަކާ ގުޅޭ ހިސާބުކިތާބު ހާމަކުރަން ސަރުކާރަކުން މިގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *