ޒަކާތާ ބެހޭ އެންމެހައި ކަންކަން ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޒަކާތާ ބެހޭ ވަކި އިދާރާއެއް އުފެއްދުމަށްް ސަރުކާރުން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފައިވާ މުހިންމު ނިންމުންތަކާ ބެހޭ މައުލޫމާތު މީޑިއާތަކަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ މިހާރު އިސްލާމިކް މިނިސްޓްރީގެ ވަކިި ސެކްޝަނެއްގެ ގޮތުގައި ހިނގަމުން އަންނަ ޒަކާތާ ބެހޭ ސެކްޝަން، މުސްތަގިއްލު ވަކި އިދާރާއެއްގެ ގޮތުގައި ގާއިމް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފައިވާ ކަމަށެވެ.
މި އިދާރާ މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި ގާއިމް ކުުރުމުގެ ބޭނުމަކީ ޒަކާތުގެ ގޮތުގައި މިހާރު އެކި ފަރާތްތަކުން ދައްކާ މިންވަރު އިތުރުކޮށް ޒަކާތް ލިބޭ ފަރާތްތަކުގެ ހާލަތު ބަދަލުކުރުން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"މިއަދު ނިކަމެތި ހާލަތުގެ ސަބަބުން ޒަކާތް ލިިބިގަންނަަ މީހާ މާދަމާ އޭނާ އަކީ ފުދުންތެރި މީހަކަށް ހަދައި އޭނާ ޒަކާތް ނެރޭ މީހަކަށް ބަދަލުކުރުމުގެ ތަސައްވުރަށް މަސައްކަތް ކުރުމަށް މި ހާއްސަ އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތް ހައުސް ގާއިމްކުރުމުގެ މަސައްކަތްތައް ކުރެވިގެން މިދަނީ،" ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ޒަކާތު ހައުސްގެ ތެރެއިން ކުރެވޭނެ ކަމަކީ މިހާރަށް ވުރެ ބޮޑަށް ޒަކާތު ފަންޑަށް ލިބޭޭ މިންވަރު އޭގެ ދެގުނަ އިތުރު ކުރުމާއި ހޭލުންތެރިކަން އިތުރު ކުރުމުގެ ތެރެއިން ޒަކާތް ދައްކާ ފަރާތްތައް އިތުރުކޮށް އޭގެ ނަފާ ޒަކާތް ހައްގުވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފޯރުުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ހާލަތު އޮތް ގޮތުން ޒަކާތުގެ ފައިސާ ބޭނުން ކުރެވެމުން ދަނީ މާ ބޮޑު ނިޒާމީ ވިސްނުންތަކެއް ނެތި ކަމަށާއި ޒަކާތް ހައުސް ގާއިމްކުރުމާ އެކު ނިޒާމީ ގޮތެއްގައި ރާއްޖޭގައި ފަގީރުކަމުގެ ހާލަތު އޮތް މިންވަރު ނައްތައިލުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.



advertisment