ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ގުޅިގެން މަސައްކަތްކޮށް، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކާމިޔާބުކުރާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީގެ އޮފީސް ހިންގުމަށް މިހާ ތަނަވަސް، ރަނގަޅު، ގާޖަ ބޮޑު ތަނެއް ލިބިގެން ދިއުމަކީ ޕާޓީ ކުރިއެރުވުމަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ. އަދި އެ އޮފީސް ހުޅުވުމަށް އެހީތެރިވެދެއްވި އެންމެހައި ބޭފުޅުންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ ޕާޓީގެ ޖަލްސާއެއް މިގޮތަށް ބޭއްވުނު ފުރަތަަމަ ފަހަރު ކަމަށާއި މިއީ ވަރަށް މުހިންމު ފެށުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކަށް ޕީޕީއެމް/ޕީއެންސީ ގުޅިގެން ކުރާ މަސައްކަތް ފެށިގެންދާނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ އިންތިހާބުގައި ބޮޑު ނަތީޖާ ހޯދާނެ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމް/ޕީއެންސީ ގުޅިގެން ރާއްޖޭގައި ކުރިއަށް އޮތް އިންތިހާބުގައި ބޮޑު ނަތީޖާއަކުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި މި އިންތިހާބުގައި ވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި މިހާރު ވެސް ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގައުމީ ރޫހެއްގައި އެންމެ އެކުއެކީގައި މަސައްކަތް ކުރުމުން ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެ މަސައްކަތުގައި ހުރިހާ އެންމެންނާ ވެސް ވާހަކަދެކެވި އެންމެން އެކުއެކީގައި އެންމެން އެއް ރޫހެއްގައި ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރީމަ ނަތީޖާ ރަނގަޅުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އާ އޮފީހެއް އުފައްދައިފައިވާއިރު ސަރުކާރުު ނިސްބަތްވާ އެ ޕާޓީީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑްގައި އެ ޕާޓީން ގެންދަނީ ކުރަމުންނެވެ.



advertisment