Support Us

ސިންގަޕޫރުގެ ޗެނަލް ނިއުސް އޭޝިއާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޓަވިއު ދެއްވަނީ

ރާއްޖެ ދިފާއުކުރަން ވަކި ގައުމެއްގެ ބާރު ރާއްޖޭގައި އޮންނަން ބޭނުމެއްނުވޭ: ރައީސް

ރާއްޖެ ދިފާއުކުރުމަށް ވަކި ގައުމެއްގެ ބާރު ރާއްޖޭގައި އޮންނަން ބޭނުންނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ސިންގަޕޫރުގެ ޗެނަލް ނިއުސް އޭޝިއާ (ސީ.އެން.އޭ) ޓީވީ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ގިނަ ގައުމުތަކާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ބަދަހިކޮށް، ދިފާއީ ބާރު ހަރުދަނާ ކުރުމަށް ބައެއް ގައުމުތަކާ އެކު ގުޅުން ގާއިމްކޮށްފަައިވާއިރު "ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކި ގައުމެއްގެ ބާރު ރާއްޖޭގައި އޮންނަން ބޭނުންފުޅުނުވޭތޯ" ޕްރޮގްރާމްގެ ހޯސްޓް ދެންނެވި ސުވާލަަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެގޮތަށް ބޭނުންފުޅުނުވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް އެކި ގައުމުތަކުގެ އެހީތެރިކަން އެކި ދާއިރާތަކުން ބޭނުންފުޅުވާ ކަމަށެވެ.

"ރާއްޖޭން ބޭނުން ވަނީ ރާއްޖޭގެ އަސްކަރިއްޔާ ހަރުދަނާކުރުމަށާއި ރާއްޖޭގެ އިގުތިސާދު ކުރިއަރުވަން ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގައި އަދި ރާއްޖެ އާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާރު ގަދަ ގައުމުތަކުގެ އެހީތެރިކަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ ގައުމުތަކަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ރާއްޖެއިން އެގޮތަށް އަމަލް ކުރުމުން ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އެންމެ ފުރަތަމަ ދިވެހި ގައުމު އިސްކުރާ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމުގައިވާއިރު ސަރަހައްދީ ބޮޑެތި ގައުމުތަކުގެ މެދުގައިވާ އުފެދިފައިވާ ވާދަވެރިކަމުގެ ތެރޭގައި ވަކި ކޮޅަކަށް ޖެހިވަޑައިނުގެން ހުންނަވާނީ ކިހިނެއްތޯ ދެންނެވި ސުވާލަކަށް ޖަަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައިވާއިރު ސަރަހައްދީ ބޮޑެތި ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށެވެ. ނަމަވެސް އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމުތަކުން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ރާއްޖެއިން އޮބްޒާވަރުގެ ރޯލް އަދާކުރުމުގެ ބަދަލުގައި ބައިވެރިވާން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ޗެނަލް ނިއުސް އޭޝިއާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޓަވިއު ދެއްވަނީ

"ސަރަހައްދީ (އިންޑިއާ ކަނޑުގެ) ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަކި ގައުމެއްގެ ސައިޑް ނަގަން ރާއްޖެއިން ބޭނުމެއް ނޫން. ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒެއް ނެތް ނަމަ އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އިހުތިރާމްކުރާ ކޮންމެ ގައުމަކާ އެކު ވެސް ރާއްޖޭން ގާތް ގުޅުން ބާއްވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ބެހޭ ގޮތުން ދެންނެވި ސުވާލެއްގެ ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ސެޕްޓެމްބަރު 30ގެ ވޯޓުން ރައްޔިތުން ނިންމައިފައިވާ ނިންމުމަށް އިންޑިއާ ސަރުކާރުން ވެސް އިހުތިރާމްކުރާ ކަމަށެވެ. އެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް ރާއްޖެއާއި އިންޑިއާ އެކު އޮތް ގާތްކަމާއި ރަހުމަތްތެރިކަން އަަބަދުވެސް އޮންނާނެ ކަމަށާއި ޒަމާނުއްސުރެ އިންޑިއާ އެކު އޮތް ވިޔަފާރިއާއި އެނޫން އެހެން ގުޅުންތައް ވެސް އެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

"ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންނާ އެއްވެސް މައްސަލައެއް ނެތް. އެހެން ގޮތަކަށް ދަންނަވާ ނަމަ އެމީހުންނާ އެކު ވަރަށް ގާތް ގުޅުމެއް ރާއްޖެއިން އޮންނަނީ. ރާއްޖޭގެ މީހުން އެކިއެކި ސަބަބުތަކާ ހުރެ އިންޑިއާއަށް ވަރަށް ގިނައިން ޒިޔާރަތްކުރޭ. ހާއްސަކޮށް ބޭސްފަރުވާއަށް. އެހެން ކަމުން ވަރަށް ގާތް ގުޅުމެއް ރާއްޖެ އާއި އިންޑިއާ އެކު ވަނީ އުފެދިފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާއާ އެކު ރާއްޖެއިން ޒަމާނުއްސުރެ ގާއިމްކޮށްފައިވާ ގާތް ގުޅުމަކީ އިންޑިއާ ސިފައިން ބޭލުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކެވަޑައިގެންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިި އެވެ.

އިންޑިއާ ނޫނަސް ބޭރު އެއްވެސް ގައުމެއްގެ ސިފައިން މި ގައުމުގައި ތިބެން ރާއްޖޭގެ ރައްޔިތުން ބޭނުންނުވާ ކަމަށާއި ވެރިކަމަށް ވަޑައިގެންނެވުނީ ވެސް ރައްޔިތުން ބޭނުންވާ ގޮތަށް، ބޭރުގެ ސިފައިން މި ގައުމުން ބޭރު ކުރުމަށް ވެވަޑައިގެންނެވި ވައުދު ރައްޔިތުން ބަލައިގަތުމުން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު ވިދާޅުވާން އަދި އެނގިވަޑައިނުގެންނަވާ ކަމަށާއި އިންތިގާލީ މަރުހަލާގައި ކުރި މަސައްކަތުންނާއި މިހާތަނަށް ހޯދުނު މައުލޫމާތުތަކުން ވެސް އެކި ފަހަރު އެކި އަދަދުތައް ހާމަވެގެން ގޮސްފައިވާތީ ސީދާ އަދަދު މި ސަރުކާރަށް ހޯދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަށް އިންޑި އާއި އެ ނޫން އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ އެހީތެރިކަން ބޭނުންވަނީ ރާއްޖޭގައި އެ ގައުމުތަކުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އެ ގައުމުތަކުގެ އަސްކަރީ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ނޫން ގޮތަކަށް ކަމަށެވެ.

ރާއްޖޭގައި ގާއިމްވެ ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދު ކަމުގައިވާއިރު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް "ހަފްތާ14″ ގައި ކަނޑައަޅާފައިވާ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ވެސް އެކަން ވަނީ ހިމަނުއްވައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *