Support Us

މެޑިކަލް ޗެކަޕާއި އައިވީއެފްގެ ހިދުމަތް އާސަންދައިން ލިބޭ ގޮތް ހަދައިފި

އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކަޕާއި ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އައިވީއެފްގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފައިވާ މުހިންމު ކަންކަމާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މެޑިކަލް ޗެކަޕް ހިލޭ ހެދޭނެ ގޮތަށް އޮތުމަކީ މީގެ ކުރިން އޮންނަ ކަމެއް ނޫން ކަމުގައިވާއިރު ހިދުމަތެއްގެ ގޮތުގައި މެޑިކަލް ޗެކަޕް އާސަންދައިން ލިބޭ ގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ހިދުމަތް ދިނުމުގައި އެކި އުމުރުފުރައަށް ބަހާލައިގެން އެކި ކަހަލަ ޕެކޭޖްތައް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި އޭގެތެރެއިން ޑޮކްޓަރުން ލަފާ ދެއްވާ ކަމުގައިވާ ނަމަ އަހަރަކު ދެ ފަހަރު ވެސް އެ ހިދުމަތް ލިބޭނެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.

"ޑޮކްޓަރުން އެގޮތަށް ލަފާ ދީފިނަމަ ދޭ ލަފާގެ މައްޗަށް، ހަމަ އަހަރަކު ދެ ފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން މި ހިދުމަތް ލިބޭ ގޮތަށް ރާއްވަވާނެ ކަމަށާއި އެ ތަންތަނުގައި އެ ހިދުމަތް ދެވެން ނެތް ކަމުގައި ވާނަމަ އާސަންދަ ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން ވެސް އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތު މިއީ ބަލިޖެހުމުގެ ކުރީގައި ބަލިން ރައްކާތެރިކުރުން. ޕްރިވެންޓިވް ހެލްތްކެއާ އަށް ވަރަށް ބޮޑަށް އިސްކަމެއް ދޭން ނިންމައިފައި މިއޮތީ،" ރައީސް ވިދާޅުވި އެވެ. މި ހިދުމަތުގެ ސަބަބުން ގައިގައިން ނާރާ ނުރައްކާތެރި ބަލިތަކަށް ވެސް ދުރާލައި ފަރުވާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދަރިމައިވުމަށް ދަތިތައް ކުރިމަތިވެފައިވާ މީހުންނަށް އައިވީއެފް ހިދުމަތް އާސަންދައިގެ ތެރެއިން ލިބޭ ގޮތަށް ހެދުމަށް ސަރުކާރުން މިއަދު ވަނީ ނިންމައިފަ އެވެ. އެގޮތުން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދައިން ލިބޭ އިންތިޒާމްތައް ހަމަޖެހުމުން އައިވީއެފް އައިއީޔޫއައިގެ ހިދުމަތް ލިބޭނެ ކަމަށާއި އެކަމާ ބެހޭ އުސޫލެއް އެކުލަވާލައި އާސަންދަ ސްކީމްގެ ގަވާއިދު އިސްލާހު ކުރައްވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ފާޓިލިޓީ ކެއާ އަށް ހާއްސަ ސެންޓަރެއް މިހާރު ވެސް އައިޖީއެމްއެޗްގައި އެބަހުރި. އެ ތަން އިތުރަށް އެކްސްޕޭންޑްކޮށް އަދި އެކަމަށް ހާއްސަ ކުރެވިގެން ސެންޓަރެއް ގާއިމްކުރެވިގެންދާނެ. އަދި އެކަމަށް ހާއްސަ ފަންޑެއް އިރާދަކުރެއްވިއްޔާ ސަރުކާރުގެ ބަޖެޓުން މި އަންނަ އަހަރަށް މިބަލަނީ ގާތްގަނޑަކަށް 30 މިިލިއަން ރުފިޔާގެ ފާޓިލިޓީ ކެއާ ފަންޑެއް ގާއިމްކުރެވޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އައިވީއެފްގެ ހިދުމަތް އަމިއްލަ ހޮސްޕިޓަލްތަކާއި ރާއްޖެއިން ބޭރުން ވެސް އާސަންދަ މެދުވެރިކޮށް ލިބޭނެ އުސޫލެއް ކަނޑައަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އާސަންދަ ހިދުމަތް ރާއްޖެއިން ބޭރުން ހޯދާ ފަރާތްތަކުގެ ތެރެއިން ފެންވަރު ރަނގަޅު ހިދުމަތެއް ހޯދުމަށް އެހެން ހޮސްޕިޓަލްތަކަށް ބަދަލުވާ ފަރާތްތަކުގެ އަތުން ހަރަދުވާ ބައި އާސަންދައިން ހަމަޖައްސައިދިނުމަށް ވެސް ސަރުކާރުން މިއަދު ވަނީ ނިންމައިފަ އެވެ.

އާސަންދަ ސްކީމްގެ ތެރެއިން މި ކަންކަން ކޮށްދެއްވުން މިއީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ މުހިންމު ވައުދެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *