ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރައްވަން ބޭނުންފުޅުނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ތުރުކީގެ އިތުރުން، ދުބާއީގައި ބޭއްވި މޫސުމާ ބެހޭ ސަމިޓް، ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
"އަޅުގަނޑު މި ދަތުރުގައި ވެސް ދެންނެވިން ޗީފް އޮފް ސްޓާފަށް ވެސް އަދި ޕްރެޒިޑެންޝަލް އެފެއާޒްގެ މިނިސްޓަރަށް ވެސް އަޅުގަނޑު އަދި ނައިބު ރައީސް ވެސް ބޭނުމެއް ނޫނޭ ފަސްޓް ކްލާސްގައި ދަތުރުކުރަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ތުރުކީއަށް ވަޑައިގެންނެވި ދަތުރުފުޅު ކަންދިމާވި ގޮތުން ރައީސް ޑރ. މުއިއްޒާއި ޕާސަނަލް ސެކިއުރިޓީ އޮފިސަރަށް ބިޒްނަސް ކްލާސްއިން ޖާގަ ނުލިބިގެން ދަތުރުކުރައްވަން ޖެހިވަޑައިގަތީ ފަސްޓް ކްލާހުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ފަސްޓް ކްލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކްލާހަށް ވުރެ މައްޗަށް ދާކަށް ބޭނުނެއް ނޫން. ނައިބް ރައީސް ވެސް ނުދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް ވީހާ ވެސް ކުޑަ ކުރެއްވުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދެއްވާނެ ކަމެއް ކަމުގައި ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިފަހަރު ވެސް ތުރުކީއަށާއި ކޮޕް28 އަށް ވަޑައިގެންނެވި ދަތުރުފުޅުގައި ވެސް އެކުގައި ވަޑައިގަންނަވާ ބޭފުޅުންނާއި އެ ބޭފުޅުން ވަޑައިގަންނަވާ ސަބަބު އަމިއްލަފުޅަށް ބައްލަވައިފައިވާނެ ކަމަށެވެ.
މި ދެ ދަތުރުފުޅުގެ ތެރެއިން ތުރުކީގެ އެކޮމޮޑޭޝަނަށް ހަރަދެއް ހިނގައިފައިނުވާ ކަމަށާއި ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީގައި ތިއްބެވިއިރު ރައީސް އަރިހުގައި ތިއްބެވި ޓީމުގެ ބޭފުޅުންނަށް މެހެމާންދާރީ ދުބާއީން ވަކި އަދަދަކަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ މި ދެ ދަތުރުފުޅުގެ ހަރަދާ ބެހޭ މައުލޫމާތު ދެ ދުވަސް ތެރޭގައި ނޫނީ ގިނަވެގެން 15 ދުވަސް ތެރޭގައި މީޑިއާތަކަށް ހާމަކުރައްވާނެ ކަމަށާއި މި ސަރުކާރުން ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.



advertisment