އާބަންކޯއިން ހުލުމާލޭގައި ކުރިއަށް ގެންދާ ހުރިހާ މުނިސިޕަލް ހިދުމަތެއް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ހުރިހާ މުނިސިޕަލް މަސައްކަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭގައި ވެސް ވައުދުވެވަޑައިގެންފަ އެވެ.
ހުޅުމާލޭ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ސެންޓްރަލް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ އެއް އަވަށް ކަމުގައިވާއިރު ހުޅުމާލޭގެ އެންމެހައި މުނިސިޕަލް ހިދުމަތްތަކަކީ މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ ހިދުމަތްތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެ މަސައްކަތްތައް ކުރަމުން ގެންދަނީ އާބަންކޯ އިންނެވެ.
"އާބަންކޯއިން ދެމުން ގެންދާ (މުނިސިޕަލް) ހިދުމަތްތައް އަޅުގަނޑުމެން ފުރަތަމަ ކޮޅު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންކަމުގެ ތެރޭގައި އެންމެ ފުރަތަމަ ކުރާ އެއް ކަމެއްގެ ގޮތުގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކުރާނަން،" މާލޭ މޭޔަރުކަމުގައި ވެސް ހުންނެވި ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން އާބަންކޯއިން ހުޅުމާލޭގައި ދެމުން ގެންދާ ހިދުމަތްތަކުގެ ތެރެއިން ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ، މިހާތަނަށް ކައުންސިލާ ހަވާލުކޮށްފައިނުވާ ހިދުމަތް ދިނުމުގެ މަސައްކަތްތައް ކައުންސިލާ ހަވާލުވެގެންދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ ހިދުމަތްތަކުގެ ތެރޭގައި މަގުތައް ސާފުކޮށް ބެލެހެއްޓުމާއި މިސްކިތްތަކާއި ގަބުރުސްތާނު ބެލެހެއްޓުމާއި މަގުތައް ދިއްލުމާއި ގަސްތައް ބެލެހެއްޓުމާއި ފަޅުތެރެ ބެލެހެއްޓުމާއި އިދާރީ ގޮތުން ކައުންސިލުން ދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހާ އެހެން ވެސް ކަންކަން ހިމެނޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިން ތެރޭގައި "އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އާބަންކޯއިން ދެމުން އަންނަ މުނިސިޕަލް މަސައްކަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި ނަމަވެސް އެ މަސައްކަތްތައް ކުރަމުން ގެންދާ މުވައްޒަފުން މަޖުބޫރުކޮށްގެން ސިޓީ ކައުންސިލަށް ނުގެންދާނެ ކަމަށެވެ.
"އާބަންކޯގެ ތެރެއިން މި ދަންނަވާ ލާމަރުކަޒީ ގާނޫނުގައި ހުރި ފަންކްޝަންތައް، މުނިސަޕަލް ކަންކަން، އާއްމު ހިދުމަތްތައް ނަގާ ކައުންސިލާ ހަވާކުރަނީ. އޭރުން އާބަންކޯއަށް ވެސް މާބޮޑަށް ކުރިއަށްދެވޭނެ. އެ ކުންފުންޏަކީ ވިޔަފާރި އުސޫލުން ރިއަލްއެސްޓޭޓް މަސައްކަތާއި ބައިވަރު އެކަހަލަ މަސައްކަތްތައް ކުރާ ބައެއް. އެހެންވީމަ އެ ކުންފުނީގެ މަސައްކަތައިގެން އެ ކުންފުންޏަށް އުޅެވޭނެ. ދެން ދަންނަވާ މަސައްކަތް ގެންގޮސް ކައުންސިލާ ހަވާލުކުރާއިރު އެކަމަށް ބޭނުންކުރި އާލާތްތަކާއި ހުރިހާ ރިސޯސަސް ވަސީލަތްތަކާ އެކީގައި ގެންދާނީ. ނޮޓް ހިއުމަން ރިސޯސް. މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ބަދަލެއް ނުކުރާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލަށް ބަދަލުކުރާ ހިދުމަތްތައް ދެމުން ގެންދާ މުވައްޒަފުން މާލޭ ސިޓީ ކައުންސިލަށް ބަދަލުވާން ބޭނުންނަމަ އެ ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް އޭރުން މުވައްޒަފުންގެ މުސާރަ ދަށްވެގެންދާނެ ކަމަށެވެ. އަދި މުނިސިޕަލް މަސައްކަތްތައް ކުރުމަށް އޮތް ބަޖެޓް ވެސް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށް އެ ހިދުމަތްތައް ދިނުމަށް އާ މުވައްޒަފުން ނަގާނެ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ކުރިމަތިވެފައިވާ ޕާކިންގެ މައްސަލަ ހައްލުކޮށް ހުޅުމާލޭ މަގުމައްޗަކީ ތަރުތީބުވެފައިވާ ތަނެއްގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ވެރިކަމުގެ ކުރީކޮޅު، ހުޅުމާލޭގެ ދެ ފިޔަވަހީގައި ޕާކިން އަށް ހާއްސަ އިމާރާތްތަކެއް ދެ ތިން ސަރަހައްދެއްގައި ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭގެ ރައްޔިތުން ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒަށް ދިން ތާއީދަށްޓަކައި ޝުކުރުއަދާކުރެއްވުމަށް މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޑރ. މުއިއްޒާއި ރަނިން މޭޓް މުހައްމަދު ހުސެއިން ލަތީފާ ސަލާމްކޮށް ފޮޓޯ ނެގުން ވެސް ކުރިއަށް ގެންދިޔަ އެވެ.



advertisment