Support Us

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ބޭރު ސިފައިން ބޭރުކޮށްދޭނަން: ޑރ. މުއިއްޒު

ބޭރުގެ ސިފައިން މި ގައުމުގައި ބައިތިއްބަން ބޭނުންނުވާކަން ރާއްޖޭގެ ރައްޔިތުން ނިންމައިފި ކަމަށާއި އިރާދަކުރެއްވިއްޔާ ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ ގުޅިގެން ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް ޕީޕީއެމް/ޕީއެންސީން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދަށް ރައްޔިތުން ވޯޓު ދީފައިވާ ކަމަށާއި އިރާދަކުރެއްވިއްޔާ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުގެ މަސައްކަތުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކީ ވެސް ދިވެހި ރާއްޖޭގެ އަމިއްލަވަންތަކަމަށް އިހުތިރާމް އަދާކުރާނެ އަދި ރާއްޖޭގެ މިނިވަންކަން އަޅުގަނޑުމެންނަށް ވެސް އެ ގައުމުތަކެކޭ އެއްގޮތަށް ހިމާޔަތް ކުރުމުގެ ހައްގު ލިބިގެންވާނެކަން ގަބޫލްކުރާނެ ގައުމުތަކަށް ވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

"މި ގައުމުގައި ތިބި ބޭރު ސިފައިން އިރާދަކުރެއްވިއްޔާ ފޮނުވާލާނަން ހަމަތަކުގެ ތެރެއިން. އަޅުގަނޑަށް ޔަގީން އެކަން ހާސިލްވާނެކަން. މި ދެންނެވި ގޮތުން މި ދެންނެވި ސަބަބަށްޓަަކައި އެކަން ހާސިލްވާނެ. އެ ސިފައިން މިތާ ބައިތިއްބައިފައި ތިބި ބޭފުޅުން ބޭނުމެއް ނުވާނެ މިތަނުގައި އެމީހުން ބައިތިއްބާކަށް އަޅުގަނޑުމެން އެކަން ބޭނުންނުވާނަމަކަ. ރައްޔިތުން މިއޮތީ ނިންމާފަ ބޭނުންނުވާ ކަމަށް. އެހެންވެ އަޅުގަނޑުމެންގެ އިހުސާސްތަކާ ދެކޮޅަށް އަޅުގަނޑުމެންގެ ވިލްއާ ދެކޮޅަށް މިތާކު ނުތިބެވޭނެ ބޭރުގެ ސިފައިންނަކަށް،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އިންތިގާލީ މަރުހަލާގައި ވެސް ބޭރު ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުން އަންނަ ކަމަށާއި އެންމެ އަވަށްޓެރި ގައުމުތަކުން ވެސް ބައްދަލުވުމަށް އެދެމުން އަންނަ ކަމަށެވެ. އެ ހުރިހާ ފަރާތްތަކާ އެކު ވެސް ކަނޑައެޅިފައި އޮންނަ އުސޫލުން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ކަނޑައެޅުމުގައި އަބަދުވެސް އިސްކުރައްވާނީ ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި މި ގައުމުގައި ބޭރުގެ ސިފައިން ބޭތިއްބުމަށް މި ގައުމުގެ ރައްޔިތުން ބޭނުން ނުވާ ހިނދަކު މިގައުމުގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އެ ހަމަތަކާ އެގޮތަށް އަމަލްކުރާނަމަ ވަރަށް ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެ، ބޭރުގެ ސަފީރުންނަށް ޑރ. މުއިއްޒުގެ މެސެޖެއް ދެއްވި އެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު. ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ގުޅުން އޮންނާނެ ގައުމުތައް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމުގެ އިތުރުން ރާއްޖެއިން އެ ގައުމުން ނަގައިފައިވާ ލޯންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ވެސް އަޅުވެތިވެ ނިމިފައިވާ ކަމަށާއި ދަރަނީގެ ދެބައި ކުޅައެއްބައި އެ ގައުމަށް ބަރޯސާވެފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ސަފީރުންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި އެ ވާހަކަތައް ދައްކަވާނެ ކަމަށާއި އިރާދަކުރެއްވިއްޔާ ޑިޕްލޮމެސީގެ އުސޫލުން ހުރިހާ ކަމެއް ވެސް ހާސިލްވާނެ ކަމަށެވެ. އަދި މިއީ 21 ވަނަ ގަރުނުގެ ތަހުޒީބު ވެފައިވާ ދުނިޔެއެއް ކަމުގައިވާއިރު އެ ނޫން ގޮތަކަށް އެކަންތައް ދާތަން ފެނިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް އެ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 129,152 ވޯޓެވެ. އެއީ 53 އިންސައްތަ އެވެ. ދެ ވަނަ ދައުރަކަށް ވާދަކުރެއްވި އެމް.ޑީ.ޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109,868 ވޯޓެވެ. އެއީ 46 އިންސައްތަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *