Support Us

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ

ގައުމުގެ މަސްލަހަތު އޮތީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްގެންކަން ރައީސް ސޯލިހް ދެކެވަޑައިގެންނަވާ: ޑރ. މުއިއްޒު

ގައުމުގެ މަސްލަހަތު މިވަގުތު އޮތީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގެންނަވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ބޮޑު ތަފާތަކުން ކާމިޔަބު ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވައި ރޭ ދެއްވި ފުރަތަމަ މީޑިއާ ބަޔާނުގައި ވަނީ، ގައުމުގެ މަސްލަހަތަށްޓަަކައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހު އަރިހުން އެދިވަޑައިގެންފަ އެވެ. އެއާއެކު މިއަދު މެންދުރުފަހު ރައީސް ޔާމީން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

ރައީސް ޔާމީން ގެއަށް ވަޑައިގަންނަވާތީ، މަރުހަބާ ދެންނެވުމަށް ހ. ދޫވެހި ކައިރީގައި އެއްވެފައި ތިބި އެއްތަ ސަތޭކަ ސަޕޯޓަރުންނެއް ތެރޭގައި ހުންނަވައި މީޑިއާތަކަށް ދެއްކެވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ މަސްލަހަތު އިސްކުރައްވާ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވީމާ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ވަގުތަކީ އެންމެން އެކަތިގަނޑަކަށްވެ ގައުމަށްޓަކައި، ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައީސް ސޯލިހާ އެކު މިއަދު ބޭއްވެވި ބައްދަލުވުމަކީ ޓްރަންސިޝަން ޕީރިއަޑާ ބެހޭ ބައްދަލުވުމެއް ކަމަށާއި ނަމަވެސް އެ ބައްދަލުވުމުން ނިންމާލައްވަމުން ރައީސް ޔާމީން ގެއަށް ބައްދަލުކޮށްދެއްވުމަށް ރައީސް އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.

"(ރައީސް ސޯލިހް) ވިދާޅުވީ ހަމަ ރޭގައި އަޅުގަނޑު ދެންނެވި ގޮތަށް ގައުމުގެ މަސްލަހަތު މިވަގުތީ އޮތީ އެމަނިކުފާނު ގެއަށް ބަދަލުކުރީމަކަން ތިމަންމަނިކުފާނަށް ގަބޫލްކުރެއްވެއޭ ރައްޔިތުން ރޭގަ ނިންމެވި ނިންމެވުމުގެ ސަބަބުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުުރުން ރައީސް ޔާމީންނަށް މަރުހަބާ ދެންނެވުމަށް އެސަރަހައްދުގައި ވަޑައިގެން ހުންނެވި ޕީޕީޢެމް/ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވީ މިއަދުން ފެށިގެން ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ފައްޓާފައިވާ ކަމަށެވެ. އަދި ވެރިކަން ލިބުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން އެވަނީ ރައީސް ޔާމީންނަށް ކުރާ އަނިޔާ ރައްޔިތުން ބަލައިނުގަންނަ ކަމަށް ބުނެފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިހާބީ ރައީސްގެ ފުރަތަމަ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލެއްވުމުން އެމަނިކުފާނު ބަހުގައި ހިފަހައްޓަވާނެ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ލަފާފުޅު ހޯޢްދަވައިގެން ޑރ. މުއިއްޒު ރާއްޖޭގެ ކަންކަން ރަނގަޅަށް ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު ޑރ. މުއިއްޒާ މެދު އެބަ އޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމީން ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް ލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވުނީ އެހެންވެގެންނެވެ. އިދިކޮޅުން ބުނަމުން އަންނަނީ މިއީ ފަނޑިޔާރުގެއަށް ސަރުކާރު އަތްބާނައިގެން ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ "ހަރާންހުކުމެއް" ކަމަށެވެ.

އޭގެ ކުރިން، 2019 ވަނަ އަހަރު ވެސް އެ މަނިކުފާނު ވަނީ ރިޝްވަތުގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކޮށްފައެވެ.

މި ދެ ހުކުމުގައި ރައީސް ޔާމީން ވަނީ މާފުށީ ޖަލުގައި 1،049 ދުވަސް ހޭދަކުރައްވައިފައެވެ.

ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓައިފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 586 ވޯޓު ފޮށި ގުނައި ނިމިފައިވާއިރު ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 126,842 ވޯޓެވެ. އެއީ 53 އިންސައްތަ ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 108,500 ވޯޓެވެ. އެއީ 46 އިންސައްތަ ވޯޓެވެ

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން މިއަދުގެ އިންތިހާބުގައި ވޯޓު ލައިފައިވަނީ 85 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *