Support Us

ރިޔާސީ އިންތިހާބު 2023

18 އަހަރު ފުރޭ ޒުވާނުންނަށް ގެދޮރުވެރިކަން އަތްފޯރާ އަގެއްގައި ފޯރުކޮށްދޭނަން: ޑރ. މުއިއްޒު

އުމުރުން 18 އަހަރު ފުރޭ ޒުވާނުންނަށް ގެދޮރުވެރިކަން އަތްފޯރާ ފަށުގައި ފޯރުކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްެޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިންގައި މިރޭ ސެންޓްރަލް ހޮޓެެއްގައި އީ ސްޕޯޓްސް ކޮމިއުނިޓީގައި ހަރަކާތްތެރިވާ ޒުވާނުންނާއެކު ބޭއްވެވި ބައްދަލުކުރައްވާ ވާހަަކަފުޅުދައްކަވަމުންނެވެ.

ބައެއް ޒުވާނުން މާލޭގަައި ވަރަށް ހާލުގައި އުޅެމުންދާކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ގޭގޭގައި ޑިއުޓީ ބަހައިގެން ކުުދިކުދި ތަންތަންކޮޅުގައި ޒުވާން ކުދިން އުޅޭ ނިޔަމެތި ހާލު އެނގިވަޑައިގެންނަވާ ކަމަށެވެ. އަދި ޒުވާނުންނަށް އަތްފޯރާ ފަށުގައި ގެދޮރުވެރިކަން ފޯރުކޯށްދީގެން އެ ޒުވާނުންނަށް އަމިއްލަ ފޯރުންތެރިކަމެއް ހޯދައިގެން ދިރުއުޅެވޭނެ ގޮތްތައް ހޯދައިދެއްވާނެ ކަމަށެވެ.

އެގޮތުން ޒުވާނުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި ޒުވާނުންގެ ތެރެެއިން 18 އަހަރު ފުރޭ ކުދިންނަށް މީހަކާ ނީނަސް ގެދޮރުވެރިކަމުގެ ދަށުން ފްލެޓް ސްޓޫޑިއޯ އެޕާޓްމަންޓްތައް ފޯރުކޮށްދެެއްވާނެ ކަމަށެވެ.

"ކޯ-ލިވިން އެހެން ކުއްޖަކާ އެކީގައި ޝެއާކުރާ ގޮތަށް ވިޔަސް ސްޓޫޑިއޯ ފްލެޓް ސްޓޫޑިއޯ އެޕާޓްމަންޓް ކަހަލަ ވަރަށް ވަރަށް ޗީޕް، ވަރަށް އަގުހެޔޮ ގޮތެެއްގައި ހަމަ އޯލްމޯސްޓް ފްރީއޭ ވެސް ބުނެވިދާނެ… އަލަށް 18 އަހަރު ފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިން އިރާދަކުރެއްވިއްޔާ އަޅުގަނޑު ފޯރުކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޒުވާނުންނަށް އަމިއްލަ ފުދުންތެރިކަން ހޯދޭނެ ގޮތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެ ކުއްޖެއްގެ އަމިއްލަ ޓެލެންޓް އިންޓަނޭޝަނަލް މާކެޓްގައި ގަނެވިއްކައިގެން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *