Support Us

ރިޔާސީ އިންތިހާބު 2023

ދިވެހިންނަކީ މާޒީގައި ވެސް ގައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ގައުމީ ވިސްނުން އިސްކުރި ބައެއް: ޑރ. މުއިއްޒު

ދިވެހި ރައްޔިޔުންނަކީ މާޒީގައި ވެސް ގައުމުގެ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު ގައުމުގެ ވިސްނުން އިސްކޮށްފައިވާ ބައެއް ކަމަށާއި އަދިވެސް ދިވެހި ރައްޔިތުން ތިބީ އެގޮތުގައި ކަމަށް ޔަގީން ކުރައްވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީޢެމް/ޕީޢެންސީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަތޮޅު ތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިންގެ އެންމެ ފަހު މަންޒިލެއް ކަމުގައިވާ އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ގައުމަށް އެ ރައްޔިތުންގެ ބޭނުންޖެހޭ ކޮންމެ ފަހަރަކު އެކަން ކޮށްދީފައިވާ ބައެއް ކަމަށެވެ.

"ދިވެހި ރައްޔިތުންނަކީ މާޒީގައި ވެސް ގައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ގައުމީ ވިސްނުން އިސްކުރި ބަޔަކަށްވާތީ އަދިވެސް އެގޮތުގައި ތިއްބެވިކަން އަޅުގަނޑު ޔަގީން ކުރަން. ކޮންމެ ފަހަރަކު ވެސް ގައުމަށް ރައްޔިތުންގެ ބޭނުންޖެހޭ އިރު އެކަން ރައްޔިތުން ވަނީ ކޮށްދީފައި. އެ ޔަގީންކަން އަޅުގަނޑަށް އޮތީ," ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ގައުމީ ވިސްނުމެއްގައި ހުރިހާ ރައްޔިތުން ނުކުމެ މި ގައުމުގެ މިނިވަންކަން ސަލާމަތްކޮށްދީ އަންނަން އޮތް ޖީލްތަކަށް ގައުމުގެ މިނިވަންކަން ޔަގީންކޮށްދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ޕީޕީޢެމް/ޕީއެންސީގެ ވެރިކަމެއްގައި އިންސާފުވެރިކަމާއި އަދުލުވެރިކަން ގާއިމްކޮށްދެއްވާނެ ކަމަށާއި ގައުމަށް ހަމަޖެހުން ގެނެސްދީ މިނިވަން މުއައްސަސާތަކަކީ މިނިވަންކަމާ އެކު މަސައްކަތް ކުރާނެ ތަންތަން ކަމުގައި ހަދައިދީ ޖުޑިޝަރީ މިނިވަންކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ދެއްވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ހިސާބަށް ތަރައްގީގެ ކަންކަން ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އެގޮތުން ޓޫރިޒަމް ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ރައްޔިތުން އެދޭ ގޮތަކަށް ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިފެންނަނީ ޙަޤީޤީ ކެމްޕެއިން ކުރުން. އަނެކާގެ އަބުރު ކަތިލައްވަމުން ވަޑައިގަންނަވާތަނެއް ނުފެނޭ. ވަކަރުގޭ ކުދިން އުޅޭގޮތަށް އުޅުއްވާ ތަނެއްނުފެނޭ. ޢިލްމެއް ޙިލްމެއް ނެތް ބައެއްގެ ފުށުން ފެންނާނީ ވަލު ޖަނަވާރުގެ އުޞޫލު. އިރާދަކުރެއްވިއްޔާ ﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު ސެޕްޓެމްބަރު 30 ގައި މިކަންނިމޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *