Support Us

ރިޔާސީ އިންތިހާބު 2023

އެހެން ބައެއްގެ ފައިގައި ދޫލައިގެން މި ގައުމުގެ ކަންކަން ކުރާ ބަޔަކު ވެރިކަމުގައި ތިބެގެންނުވާނެ: ޑރ. މުއިއްޒު

ދިވެހިރާއްޖޭގެ ކަންކަމުގައި އެހެން ބައެއްގެ ކައިރިއަށް ގޮސް ފައިގައި ދޫލައިގެން މި ގައުމުގެ ކަންކަމާ މެދު އެހެން ބަޔަކު ބަސް ބުނާ ބަޔަކު މި ގައުމުގެ ވެރިކަމުގައި ތިބެގެންނުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖޭގެ ދެކުނުގެ ފަސް ރަށަށް ކުރަމުންގެންދާ ކެންޕެއިން ދަތުރުގައި މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ "ދިވެހި ރާއްޖޭގެ މަސްލަހަތު އިސްނުކުރެވޭ ބަޔަކު ވެރިކަމުގައި ތިބެގެން ނުވާނެ" ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދާ އެކު އަންނަ ހޮނިހިރުގެ ވޯޓުން ވެރިކަމަށް ވަަޑައިގެން ފުރަތަމަ ދުވަހު ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ގައުމުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެން ބައެއްގެ ކައިރިއަށް ގޮސް ފައިގައި ދޫލައިގެން މި ގައުމުގެ ކަންކަމާ މެދު އެހެން ބަޔަކު ބަސް ބުނާ ބަޔަކު މި ގައުމުގެ ވެރިކަމުގައި ތިބެގެން ނުވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

 

ޑރ. މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހުށަހަޅާ ކަންކަން ރައްޔިތުން ބަލައިނުގަތީމާ މިހާރު އެމަނިކުފާނުގެ ޒާތީ ވާހަކަތައް ދަައްކައިގެން އެ ވާހަކަތައް ރައްޔިތުން ބަލައިގަނޭތޯ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ޒާތީ ވިޔަސް ދިވެހި ގައުމުގެ މިނިވަންކަން ޔަގީންކުރުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއް ކަމުގައި ދެކެވަޑައިގެންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ކިތަންމެ ވަރަކަށް އަޅުގަނޑާ މެދުގައި ޒާތީ ވާހަކަ ދެއްކިޔަސް މި ގައުމުގައި ބޭރުގެ ސިފައިން ނެތް ކަމަކަށް ނުވާނެ. ކިތަންމެ ވަރަަކަށް ހަދަހަދައިގެން ވާހަަކަ ދެއްކިޔަކަސް ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ. ކިތަންމެ ވަރަކަށް ދޮގު ވާހަކަ ފެތުރިޔަސް އަޅުގަނޑުމެންގެ އިގުތިސާދު އަނދަވަޅަކަށް ވައްޓާލައި ވަކި ގައުމަކަށް އަޅުވެތިކޮށްފައިނުވާ ކަމަކަށް ނުވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *