ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަރުކާރު ވެގެންދާނީ ނަތީޖާ ނެރެދޭނެ ސަރުކާރަކަށް ކަމަށާއި ބޭކާރު ވަޒީފާތަކެއް ނޫފައްދަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެން ވެސް މަތިބޮޑު ސަރުކާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވައިފައިވާއިރު، ހޮނިހިރު ދުވަހުގެ ވޯޓުން ކާމިޔާބު ލިބިވަޑައިގެންފި ނަމަ އެކުލަވައިލައްވާ ސަރުކާރު މަތިބޮޑުވެދާނެތޯ "އަދިވެސް" އިން ދެންނެވުމުން ޑރ. މުއިއްޒު މިއަދު ވިދާޅުވީ "މަތިބޮޑުވާނީ ބޭކާރު ގޮތުގައި މީހުން ލައިގެން ނުކަތައިގެން އުޅެން ޖެހުމުން" ކަަމަށެވެ. ސަރުކާރެއް ލިބުނެކޭ ކިޔައިފައި ބޭކާރު މީހުންތަކެއް ލައިގެން މަސައްކަތް ނުކުރައްވާނެ ކަމަށާއި މީހުން ނަގާނީ އެ ދާއިރާއެއްގެ ތައުލީމާއި ތަޖުރިބާ ލިބިފައި ތިއްބެވި ބޭފުޅުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މަގާމު ދޭއިރު ދޭނީ އެކަމާ އެންމެ އެކަށީގެންވާ މީހަކަށް. އެކަމާ ގުޅޭ ތައުލީމު އެންމެ ފުރިހަމަ ގޮތުގައި (ލިބިފައިހުރި) މިސާލަކަށް އަޅުގަނޑު މި ހަވާލުކުރަނީ ހެލްތް މިނިސްޓްރަކަށް ލާ މީހަކު ލާއިރު މިބަލަނީ ވަރުގަދަ މޭނޭޖްމަންޓް ބެކްރައުންޑެއް އޮތް، ހިންގުމުގެ ދާއިރާއިން ތަޖުރިބާ އޮތް މީހެއް. މިސާލަކަށް އެ ދާއިރާއަށް މިލަނީ އެއްވެސް ވަރެއްގެ ތަޖުރިބާއެއް ނެތް މީހަކަށް އެކަމަށް އަޅުގަނޑެއް ނުކުރާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ސަރުކާރުގެ ކެބިނެޓާއި ސަރުކާރުގައި ތިއްބަވާނީ އެ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ހުރި ބޭބޭފުޅުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން ކޮންމެ މީހަކު ނުހުންނާނެ ޕީއެޗްޑީ ހަދާފައެއް މާސްޓާޒް ހަދާފައެއް. އެކި ލެވެލްތަކުގެ މަގާމުތައް ވެސް ހުންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުުރުން ޕީޕީއެމް/ޕީއެންސީއާ އެކު ފާއިތުވި ފަސް އަހަރު ސިޔާސީ އެތައް ގުރުބާނީއެއްވި އެތައް ބޭފުޅުންތަކެއް އެބަތިބި ކަަމަށާއި އަދި ސިޔާސީ އެކިއެކި ބޭފުޅުން ވެސް އެ ކޯލިޝަނާ ގުޅެމުން ގެންދާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެ ފަރާތްތަކަށް ވެސް ސަރުކާރާ ގުޅުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
"ސިޔާސީ މައިދާނަށް ވަންނަނީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާތީ. އެކަން އަޅުގަނޑު ގަބޫލްވެސް ކުރަން ބަލައިވެސް ގަންނަން. މަގާމު ދޭއިރު އެ މަގުސަަދު ހާސިލްކޮށްދިނުމާ އެކީގައި ދޭނީ އެކަމަށް އެންމެ އެކަށީގެންވާ މީހާއަަށޭ. އެކަމާ ގުޅޭ ތައުލީމު އެންމެ ފުރިހަމަ (މީހާއަށް) މިސާލަކަށް ހެލްތު މިނިސްޓަރަކަށް އަޅުގަނޑު މިލަނީ ވަރުގަދަ މެނޭޖްމަންޓް ބެކްރައުންޑެއް އޮތް ހިންގޭ ވަރުގެ މީހަކަށް. ހިންގުމުގެ ތަޖުރިބާއާއި ހިންގުމުގެ ދާއިރާއިން ތައުލީމު ލިބިފައި ހުރި މީހަކު،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ކޮންމެ މަގާމަކަށް ލާ މީހަކީ ވެސް ބޭކާރު ގޮތުގައި މަގުމަތީގައި ގިނަވެގެން އުޅޭ މީހަކަށް ނުވާނެ ކަމަށާއި ސަރުކާރުގެ މަގާމު ދޭ މީހަކީ އެ މީހަކާ ހަލާލުކުރާ މަސައްކަތްތައް ކުރެވޭ ފެންވަރުގެ މީހަކަށް ވާނެ ކަމަށެވެ.
"(ސިޔާސީ ވަޒީފާތައް) ގިނަ ނުވެދާނެ. އެފިޝަންޓްވީމަ ތިބޭނީ ބޭނުންވާ ވަރަށް އެކަނި. ބޭކާރު މީހުން ނުތިބޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment