ވެރިކަން ހިންގުމުގެ ނިޒާމަކީ މި ވަގުތު މާ ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި މި ވަގުތު އެންމެ މުހިންމީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ނިންމާ ނިންމުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި، ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅުއްވާ ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ މި ދަނޑިވަޅު އެންމެ މުހިންމީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ނަގާ ވޯޓު ކަމަށާއި އެމަނިކުފާނުގެ ހުރިހާ ފޯކަސް އެއް މިވަގުތު ގެންގުޅުއްވަނީ އެކަމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު ނިޒާމީ ވޯޓާ ބެހޭ މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަދައްކަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުންގެ ނިންމުމަކާ އެއްގޮތަކަށް ނޫނިއްޔާ ގައުމެއް ނުހިންގޭނެ. ރައްޔިތުންގެ ބޭނުންވާ ގޮތަކަށް ގައުމު ހިންގަންޖެހޭނީ. ރައްޔިތުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު ގައުމު ހިންގޭނީ. އެހެންވެ ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ނިންމާ ގޮތެއް މިވަގުތު އަޅުގަނޑަށް އެންމެ މުހިންމު ވަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ނިޒާމީ ވޯޓު ނެގުމުގެ މަސައްްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނިޒާމީ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަަހަޅާފައިވާއިރު އެ ކޮމިޝަނުން ވަނީ ނިޒާމީ ވޯޓު އަންނަ އޮކްޓޯބަރު މަހުގެ 29 ގައި ނެގިދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ވޯޓު ނެގުމުގެ ހަރަދު ކުރުމަށް 40 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށާއި ބަޖެޓް ލިބުނުހާ އަވަހަކަށް ވޯޓު ނެގުމުގެ ކަންކަމުގައި އާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.
ނިޒާމީ ވޯޓު ނެގުމުގެ ކަންތައްތައް ކުރުމަށް ބަޖެޓް ހަމަޖައްސައިދިނުމަށް އިލެކްޝަނުން ވަނީ މަޖިލީހުގައި އެދިފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment