Support Us

ރިޔާސީ އިންތިހާބު 2023:

ޒަމާނީ ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި ދަރުބާރުގެ ތަރައްގީކުރާނަން: ޑރ. މުއިއްޒު

ޒަމާނީ ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި ދަރުބާރުގެ ތަރައްގީ ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން ހިންގާ "ދިވެހިންގެރާއްޖެ" ރިޔާސީ ކެންޕެއިންގައި ރޭ ދަރުބާރު ގަޖަހަ ހުޅުއްވައިދެއްވުމަށް ބޭއްވި ހަފްލާގައި ޑރ. މުއިއްޒު ވިދާޅުވީ ދަރުބާރުގެ އަކީ މިހާތަނަށް އެކި ފަހަރު މަތިން ތަރައްގީކުރަން އުޅެ އެކަން ނުވެފައި ހުރި ތަނެއް ކަމަށެވެ.

ރޭގެ ބައްދަލުވުމަށް ޑރ. މުއިއްޒު ވަޑައިގަތުމުން ދެންނެވީ ރަތްދޫލައިގެ މަރުހަބާއެކެވެ. އަދި އެމަނިކުފާނާ އިސްތިގުބާލްކުރީ ބެރުދުންމާރި ތާޅަފިއްޔާއި ހަތްކޮޅުގައެވެ.

ދަރުބާރުގެ ހިމެނޭ ސަަރަހައްދަކީ ފެހިކަން ގަދަ، ހިތްގައިމު ކަންތައްތައް ހިމެނޭހެން މުޅި ސަރަހައްދުގެ ޑިވެލޮޕްމަންޓްއަކަށް ހެދިގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އޭރުން އެތަން ތަރައްގީ ވެގެންދާނީ ކުދިކުދި ވިޔަފާރިތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އަތްފޯރާ ފަށެއްގައި ކުއްޔަށް ހިފޭ ޖާގަތައް ހިމެނޭ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ދަރުބާރުގެ އަކީ ގައުމީ ފެންވަރުގެ ކަންތައްތައް ހިންގުމުގެ އިތުރުން މައިސް (ބައްދަލުވުންތަކާއި، އިނާޔަތްތަކާއި، ކޮންފަރެންސްތަކާއި މައުރަޒުތައް) ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ގެނެސް ހިންގާނެ ތަނަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދަރުބާރުގެ އަކީ ފަސް ވަނަ ސާކު ސަމިޓް ބޭއްވުމަށް 1990 ވަނަ އަހަރު ބިނާކުރި ތަނެކެވެ. އޭގެ ފަހުން އެތަން ވަނީ ބޮޑުކޮށްފައެވެ. މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ދަރުބާރުގެ އަކީ ގައުމީ ފެންވަރުގެ އެންމެ ބޮޑެތި ޖަލްސާތައް ބާއްވާ މައިގަނޑު ހިޔާވެއްސެވެ.

"ދަރުބާރުގެއަކީ ވަރަށް ދުވަސްވީ ތަނެއް. އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ޕާކިންއަށް ބޭނުންވާ ޖާގައާ އެކީގައި ޒަމާނީ ކޮންވެންޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުން. އެގޮތަށް އެކަން ކުރުމަކީ ފްލޭން. އެކަން އެގޮތަށް ކުރެވިގެންދާއިރު މި ސަރަހައްދަށް ބޮޑު ދިރުމެއް އަންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭ މޭޔަރުގެ މަގާމުގައި މިހާރު ވެސް ހުންނެވި ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މާލޭ ސިޓީއަކީ ޒަމާނީ ފެންވަރަށް ތަރައްގީވެފައިވާ ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

"މާލެ ސިޓީގެ ތަރައްގީއަށް ކަނޑައަޅާފައި ހުރި ކަންކަމުގެ ތެރޭގައި މާލޭ ސިޓީއަކީ ޑިޖިޓަލް ދުނިޔޭގައި އެންމެ މަތީ ފަންތީގެ ހިދުމަތް ދެވޭ ޒަމާނީ، ހިތްގައިމު ސިޓީއަކަށް ހަދަން ކަނޑައަޅާފައި އޮންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީއާއި ރާއްޖޭގެ އުތުރާ ދެކުނުގައި ވެސް އާބަން ޑިވޮލޮޕްމަންޓް ޒޯންތައް ތަރައްގީ ކުރުމަށް ހަަމަޖައްސައިފައިވާނެ ކަމަށާއި އެކި ސަރަހައްދުގައި އާބަން ޑިވެލޮޕްމަންޓްގެ އިތުރުން ކުދި، ބޮޑު ހުރިހާ ރަށެއްގެ ތަރައްގީ އެ ރަށެއްގެ ނިސްބަތުން އެ ރަށަކަށް ބޭނުންވާ ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *