Support Us

ރިޔާސީ އިންތިހާބު 2023

ވޯޓުލާއިރު ގައުމީ ލޯބި އިސްނުކޮށްފިނަމަ ކުލަ ހެދުމުގައި ތިބި ބޭރުގެ ސިފައިން ދެން ފެންނާނީ ހަތިޔާރާ އެކު: ޑރ. މުއިއްޒު

ރިޔާސީ އިންތިހާބްގެ ވޯޓް ހޮނިހިރު ދުވަހު ލާއިރު ގައުމީ ލޯބި އިސްނުކޮށްފިނަމަ މިއަދު ކުލަ ހެދުމުގައި ފެންނަ ބޭރުގެ ސިފައިން ދެން ފެންނާނީ ހަތިޔާރާ އެކު ތިއްބާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ރާއްޖެ" ދިވެހިންނަށް އިޔާދަކޮށްދިނުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިންގައި ރޭ އާޓިފިޝަލްބީޗުގައި ބޭއްވި އަންހެނުންގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ގައުމު ދެކެ ލޯބިވާކަން ދެެއްކުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް ވެސް އަންނަ ހޮނިހިރު ދުވަހު ލިބިގެންދާނެ ކަމަށެވެ. އަދި އެ ދުވަހު އެ ލިބޭ ފުރުސަތުގެ ބޭނުން ހިފައި ގައުމު ދެކެ ވާ ލޯބި ދެއްކުމަށާއި އެފަދަ ފުރުސަތެއް ފަހަރުގައި ދެން ނުލިބިދާނެ ކަމަށް ވެސް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެެވެ.

"ގައުމީ ލޯބި އިސްނުކޮށްފިނަމަ މިއަދު ކުލަ ހެދުމުގައި ފެންނަ އިންޑިއާގެ ސިފައިން ދެން ފެންނާނީ ހަތިޔާރު ހިފައިގެން ތިއްބާ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި އޮތީ ދިވެހި ރާއްޖެ މިއީ އެހެން ބައެއްގެ އަތްމަތީގައި އޮތް ގައުމެއްކަން ނިންމާފައި އޮތް ސަރުކާރެއް ކަމަށާއި އެކަން ހަމަ އެގޮތުގައި ބާއްވާނީތޯ ނުވަތަ ނޫންތޯ ނިންމަން ހޮނިހިރު ދުވަހު ފުރުސަތު ލިބޭނެ ކަމަަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޕާޓީތަކާއި ސިޔާސީ ފިކުރަކީ ގައުމުގެ ލޯބި އިސްކުރާއިރު އެއްވެސް އެއްޗެއް ނޫން ކަމަށާއިި މި ގައުމުގެ މިނިވަންކަން ޔަގީންކަމާ އެކު ހިމާޔަތްކޮށްދެއްވާނެ ކަމަށާއި އެއަށްވުރެ ބޮޑު ވައުދެެއް ވާން ނެތް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް އެކަންތައް ކޮށްދެއްވޭނީ އަންނަ ހޮނިހިރު ދުވަހު ދިވެހި ރައްޔިތުން ގައުމީ ވިސްނުން އިސްކޮޮށް، އެމަނިކުފާނަށް ވޯޓް ދެއްވައިގެން ކަމަށް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ވެގެންދާނީ ދިވެހިންގެ ގޯތީގެ ވަށާފާރުމަތިން ނާރާ ތިބެން އެއްބަސްވާ އެންމެންނާ އެކު ގާތް ގުޅުން ބާއްވާ ގޮތަށް ކަމަށެވެ.

މީގެއިތުރުން ވެރިކަން ލިބިވަޑައިގެންފިނަމަ ޒުވާނުންނާއި ކަނބަލުންނަށް އެ މީހަކު ހުރި ކޮންމެ ތަނަކުން އަމިއްލަ ފައިމައްޗަށް ތެދު މުޖުތަމައުގައި އަނބުރު ވެރިކޮށް އުޅެނޭނެ ގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަކީ އަބުރުވެރިކޮށް އުޅުމުގެ ފުރުސަތު ލިބެން ޖެހޭ ބައެއް ކަމަށާއި ވެރިކަން ލިބިއްޖެނަމަ ގެދޮރުވެރިކަމުގެ ފުރުސަތު މުޅި ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކޮށްދިނަަސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ވަކިން ހާއްސަކޮށް ގެދޮރުވެރިކަމުގެ އަޅުވެތިކަމުން ސަލާމަތްކޮށްދެވިފައިވާ ބަޔަކު ކަމުގައި ހައްދަވާދެއްވާނެ ކަމަށެެވެ. އަދި މިހާރު ހުރި އެލަވަންސްތައް ބޮޑުކޮށްދީ ފުލުހުންނާއި ސިފައިންނަކީ ފުދުންތެރި ބައެއްގެ ގޮތުގައި ހައްދަވާދެެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާާޅުވި އެެވެ.

އަންނަ ހޮނިހިރު ދުވަހު ޑރ. މުއިއްޒަށް ދިވެހި ކޮންމެ ރައްޔިތަކު ދޭ ވޯޓަކީ ވެރިކަން ލިބިއްޖެނަމަ އެއްވެސް ތަފާތު ކުރުމެއް ނެތި އޭގެ ނަފާ ކޮންމެ ރައްޔިތަކަށް ހަމަހަމަ ކަމާ އެކު ލިބިގެންދާނެ ވޯޓަކަށް ވެގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ރައްޔިތުން އެއްބާރުލުން ދީފިނަމަ މިގައުމަށް ހަމަޖެހުން ގެނެސްދެއްވާނެ ކަމާއި ބަދަލު ހިފުވުމުގެ ރޫހު ނެތިގެންދާނެ ކަމާއި އަނިޔާވެރިކަން ނެތިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ގާނޫނީ ހަމަތަކުގެ މަތިން މިނިވަންކޮށްގެން ގެނެސްދެއްވާނެ ކަމަށް މިރޭ ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *