Support Us

ރިޔާސީ އިންތިހާބު 2023

މިނިވަންކަމަށް ހުރަސްއެޅޭ ކޮންމެ މަޝްރޫއެއް ޖީއެމްއާރު ބޭރުކުރި ގޮތަށް ބާތިލްކޮށްލާނަން: ޑރ. މުއިއްޒު

ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ހުރި އެއްވެސް މަޝްރޫއެއް އޮވެއްޖެނަމަ އެ މަޝްރޫއެއް އިންޑިއާގެ ޖީއެމްއާރު ރާއްޖެއިން ބޭރުކުރި ގޮތަށް ބާތިލްކުރާނެ ކަމަށްް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

"ދިވެހީންގެރާއްޖެ" ދިވެހިންނަށް އިޔާދަކޮށްދިނުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީ ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިން ދަތުރުފުޅުގައި ރޭ އދ. މަހިބަދޫގައިި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އުތުރު ތިލަފަޅާއި ހދ. ހަނިމާދޫގައި އަޅާ އެއާޕޯޓްގެ މަޝްރޫއަށް ބެލިނަމަވެސް ކަންބޮޑުވާންޖެހޭ އެތަކެއް ކަމެއް އެބަހުރި ކަމަށެވެ. އަދި މިކަންކަން ހަމަ މަގަށް އެޅުވޭނީ ރައީސް އަބްދުﷲ ޔާމީންގެ ފިކުރު, "އެންމެ ފުރަތަމަ ގައުމު" އިސްކޮށްގެން ކަމަށާއި ދިވެހި ރައްޔިތުންނަށް ރަނގަޅު ގޮތް އެހެން ގައުމަކުން ގަބޫލްކުރަންޏާ އެއީ ރާއްޖެއާ ގާތް ގައުމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާނެ ކަމަށް ޑރ. މުއިއްޒު ވިދާާޅުވި އެވެ.

މި ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބުރިޖް މަޝްރޫއަކީ ވެސް އެކަމުގެ ހަގީގަތް ނޭނގޭ މަޝްރޫއެއް ކަމަށާއި ފަސް އަހަރުގެ ދައުރެއް ހަމަވެގެންދާއިރު ވެސް އެ ބުރިޖްގެ އެންމެ ތަނބެއް ވެސް ނުފެނިގެން މިއުޅެނީ ކޮންމެވެެސް ނުބައެއް އެކަމުގައި އުޅޭތީ ކަމަށް ޑރ. މުއިއްޒު ތުހުމަތު ކުރެއްވި އެވެ. އަދި ބުރިޖްގެ އެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ތަރައްގީއަށް އަދި މުޅި ރާއްޖޭގެ ތަރައްގީއަށް ވެސް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއަކީ ރައީސް ޔާމީންގެ ސަރުކާރުން ވެސް ޕްލޭންކޮށް ފަންޑުވެސް ހަމަޖައްސާފައިވާ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.

"މިހެން ހުރި މަޝްރޫއުތައް ބަަލައި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތް އިހްތިޔާރުކުރާނީ އަޅުގަނޑުމެން. ދެން މީގެން މަޝްރޫއެއް ބަލާއިރު މިސާލަކަށް އުތުރު ތިލަފަޅުގެ މަޝްރޫވިޔަސް އެހެން މަޝްރޫއެއް ވިޔަސް ހަަމަ ޖީއެމްއާރު ބޭރުކުރި ގޮތަށް އެ މަޝްރޫއެއް ބާތިލް ކުރާނަން އަޅުގަނޑުމެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ގާނޫނާ ހިލާފަށް އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން އެއްބަސްނުވާނެ ކަމަށެވެ. އަދި އަޑި ނޭނގޭ ގޮތަށް ހަދާފައިވާ އެއްވެސް އެއްބަސްވުމެއް ވެސް އޮވެގެން ނުވާނެ ކަމަށާއި އެ އެއްބަސްވުންތަކާ ބެހޭ މައުލޫމާތު ހިއްސާ ނުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރަށްރަށުގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް އިސްކަންދޭނީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ސަރުކާރުން ހަދައިފައިވާ ކޮންމެ އެގްރީމެންޓެއް ބަލައި ރައްުޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހުރި މަޝްރޫއެއް ވެއްޖެއްޔާ ކުރިއަށްދާނެ, އަދި މިހާރަށްވުރެ ބާރަށް ކުރިއަށްދާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މަހިބަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަަަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން މިހާރު އޮތް ޖާގައިން ވެސް ބިން ހޯދައި ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމަށާއި ބިން އިތުރު ކުރުމުގެ ގޮތުން މާފަރު ފަޅު ހިމަނައިގެން ރަށަށް ބޭންވާ ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްްވާނެ ކަމަށެވެ. އަދި ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި އެރަށުގެ ހޮސްޕިޓަލް މިހާރަށްވުރެ ރަނގަޅަށް ތަރައްގީކޮށްގެން ހިންގޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި ރަށް ގިރާ ރަށްރަށުގައި ރަށްގިރުމުގެ މައްސަލަތައް ހައްލުކުރުމާއި ނުހެދި ހުރި މަގުތައް ހެދުމުގެ މަސައްކަތްތައް ވެސް ކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިއީ ހަމައެކަނި ތަރައްގީއާ ގުޅިފައިވާ އިންތިހާބެއް ނޫން ކަމަށާއި އެއަށްވުރެ ބޮޑު ކަމެއްގެ ގޮތުގައި އޮތީ މިނިވަންކަން ޔަގީންކުުރުން ކަމަށާއި އަދި މިނިވަންކަން ޔަގީން ކުރެވޭނީ ހުރިހާ ރައްޔިތުން "ދިވެހީންގެ ރާއްޖެ"އަށް މިފަހަރުގެ އިންތިހާބުގައި ދާން ނިންމައިގެން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *