ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު އިވެންޓެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން އާބަންކޯއިން ނިންމައިފިއެވެ.
އާބަންކޯއިން ބުނީ އެ ކުންފުނިން އިފްތިތާހުކޮށްފައިވާ "ދުނިޔެ މަގޭ" ކެމްޕޭންގެ ދަށުން ބާއްވާ މި އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުން ކަމަށެވެ. އަދި އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ޖުމްލަ ހަތް ސަރަހައްދެއް މި އިވެންޓުގައި ސާފުކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.
"އެއީ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ. މި ސަރަހައްދުތައް ސާފުކުރާނީ ވަކިވަކި ޓީމުތަކަށް ބަހާލައިގެންނެވެ. އަދި 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައެވެ." އާބަންކޯގެ ބަޔާނެއްގައި ބުނެއެވެ.
"ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ އާބަންކޯއިން ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ."
ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އަރބަންކޯއިން ތައާރަފްކޮށްފައިވާ "ދުނިޔެ މަގޭ" ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރޭވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
"ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް މި ކެމްޕޭންގެ ދަށުން ލިބިގެންދާނެއެވެ. މި ކެމްޕޭންގެ ދަށުން ހުޅުމާލެ އާއި މި ކޯޕަރޭޝަންގެ ބިޔޯންޑް ހުޅުމާލޭގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ."



advertisment

