ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން "ނަލަ ވެށި" ކެމްޕޭންގެ ޚާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.
މިގޮތުން މާލެ އާއި ހުޅުމާލެ އަދި ހދ. ކުޅުދުއްފުށީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހިކުރުމުގެ ޚާއްސަ ހަރަކާތެއް މިއަދު ހަވީރު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތް ހުޅުމާލޭގައި ފައްޓަވައިދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި އާބަންކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރު އަބްދުލް ރަހްމާންއެވެ.
މީގެ އިތުރުން ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި"ގެ ނަމުގައި ތިމާވެށްޓާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް 1-3 ޖޫން އަށް ވަނީ ހިންގައިފައެވެ. މިގޮތުން، ކުޅުދުފުށި ސިޓީ ކައުންސިލާ ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ.

މި ހަރަކާތުގައި ކުޅުދުއްފުށީގެ ވިއްސަކަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާޢަތްކުން ބައިވެރިވި ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.
ހަމަ މިއާއެކު، ކުޅުދުއްފުށީގެ ސުކޫލްތަކުގައި ކިޔަވަމުންދާ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި އަދި ސާފު ބޯފެނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި، އަދި "ފެން ފިޔެސްޓާރ"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވައިފައެވެ.
"ނަލަ ވެށި ކެމްޕޭނަކީ ރައްކާތެރިކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިތްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމެވެ. އެމް.ޑަބްލިޔު.އެސް.ސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މި ކުންފުނީގެ އޮޕަރޭޝަންތަކުގައި ތިމާވެއްޓާ ވީހާވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް އީޖާދީ ކުންފުންޏަކަށް ވުމެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައިވެއެވެ.



advertisment

