މާލެ ސަރަހައްދުގެ ގޭބިސީތަކަށް ފޮނުވާ ކަރަންޓް ބިލްތަކުގައި ކުނި ނެގުމުގެ ފީ ހިމެނުމުގެ އެއްބަސްވުމެއްގައި ވެމްކޯ އާއި ސްޓެލްކޯ ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ސިރާޖެވެ.
މި ރަސްމިއްޔާތުގައި ސިރާޖު ވިދާޅުވީ ކުނި ނެގުމުގެ ފީ ބިލްކުރާނީ ސްޓެލްކޯއިން ގެންގުޅޭ ބިލިން ސައިކަލާ އެއްގޮތަށް ކަމަށެވެ. އެގޮތުން 28 ދުވަހަށް ކަރަންޓު ބިލް ޖެނެރޭޓް ކުރާނަމަ ކުނި ނެގުމުގެ ފީވެސް އެ މުއްދަތަށް ނަގާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި ދެން އެންމެ އަވަހަށް ހަވާލުކުރެވޭ ބިލުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ބިލްތަކުގައި ކުނީގެ ބިލު ހިމެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި އެބަސްވުމުގައި ސޮއިކުރެވިގެން ދިޔަކަމުގައި ވީނަމަވެސް ކުނި ނެގުމަށް މިހާރުވެސް ނަގަމުން އަންނަ ފީ އަކަށް އެއްވެސް ބަދަލެއް ނާންނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބަދަލާއެކު ސްޓެލްކޯގެ ހުރިހާ މީޓަރުތަކެއް ވެސް މިހާރު ވާނީ ޑިފޯލްޓުން ކުނި ނެގުމައް ރަޖިސްޓަރވެފައި ކަމަށާއި، ނަމަވެސް ކުނި ނުއުފައްދާ ގޭބިސީއެއްގެ މީޓަރެއްގައި ކުނި ބިލް ނުހިމެނޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފު ވިދާޅުވިއެވެ.
ކުނި ނުއުފައްދާ ގޭބިސީތަކުގެ މީޓަރުތަކުގެ ގޮތުގައި މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ގެއެއްގެ ލިފްޓު އޮޕަރޭޓީން ނުވަތަ އެމްޑަބްލިއުއެސްސީގެ ޕްރެޝަރ ފެން ޕަންޕް ފަދަ ތަކެއްޗަށް ބަހައްޓައިފައިވާ މީޓަރު ފަދަ މީޓަރުތަކެވެ.
ޝަރީފް ވިދާޅުވީ ފަށައިގަތުމުގައި ކުދިކުދި މައްސަލަތަކެއް ދިމާވެދާނެ ކަމަށެވެ. މިކަމުގައި އެއްވެސް ފަރާތަކަށް އޮޅުމެއް އަރާނަމަ ދެ ކުންފުނިން ކޮންމެ ކުންފުންޏަކަށްވެސް ގުޅާ އޮޅުން ފިލުވުމަށް އޭނާ އެދިވަޑައިގަތެވެ.
ޝަރީފު ވިދާޅުވީ މި އުސޫލަކީ ހަމައެކަނި މާލެ ސަރަހައްދުގައި މިވަގުތު ފެށިފައިވާ އުސޫލަކަށް ވީނަމަވެސް ކުރިމަގުގައި އަތޮޅުތަކުގައި ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން، އެދޭ ރަށްތަކުގައި މި އުސޫލު ގާއިކުރަމުން ގެންދާނެ ކަމަށެވެ.
ވެމްކޯ އާއި ސްޓެލްކޯ ގުޅިގެން މިފަދަ އެއްބަސްވުމެއް ހެދުމުގެ މަގްސަދަކީ ކުނި ބިލު ނުދެއްކުމުގެ މައްސަލަ ހައްލުކުރުމާއި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފައިސާ ދެއްކުމަށް ބޮޑު ލުޔެއް ހޯދައިދިނުން ކަމުގައި ދެކުންފުނިން ވެސް ފާހަގަކުރެއެވެ.



advertisment

