ގްރޭޓާމާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓެއް ސްޓެލްކޯ އިން ގާއިމްކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭ ބާ އިންޖީނުގޭގައި ގާއިމްކޮށްފައިވާ މި ބެކަޕް ޕަވަރޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް ކަމަށާއި މި ޕަވަރޕްލާންޓަކީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވި މަސައްކަތެއް ކަމަށެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވީ އަތޮޅުތެރޭގަ އާއި ގްރޭޓާމާލޭގެ އިންޖީނުގެތަކުގައި ތިބި، މި މަސައްކަތަށް އެންމެ ގާބިލް މުވައްޒަފުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ. އަދި މިއީ ސްޓެލްކޯގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރުކަން އެ ކުންފުނިން ފާހަގަކުރެއެވެ.
"މި އެމަރޖެންސީ ޕަވަރޕްލާންޓާއެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެކަން މެނޭޖިންގ ޑިރެކްްޓަރ އަހުމަދު ޝަރީފް ވަނީ ފާހަގަ ކުރައްވާފައި. އަދި މާލޭއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވަހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީވެސް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ،" ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.



advertisment

