Support Us

ޢަރަބިން ސޫރިޔާއާއެކު ގުޅުން ރަނގަޅުކުރުމާ އެމެރިކާ ދެކޮޅު

ސޫރިޔާގެ ރައީސަކީ ބައްޝާރުލް އަސަދު ކަން ވޮޝިންގްޓަނުން ޤަބޫލުކޮށްފާނެތީ އެކަން މަނާކުރުމަށް ޓަކައި ޤާނޫނެއް ފާސްކުރުމަށް ކޮންގްރެސްގެ ޖުމްހޫރީ މެންބަރުންނާއި ޑިމޮރެޓިކް ޕާޓީގެ މެންބަރުން ޙަރަކާތްތެރިވެވަޑައިގަންނަވާން ފަށްޓަވައިފިއެވެ. ސޫރިޔާ ސަރުކާރާއެކު ގުޅުންތައް ރަނގަޅު ކުރާ ޤައުމުތަކާ  ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ވެސް މި ޤާނޫނު އެމެރިކާ ސަރުކާރަށް ގޮވައިލައެވެ. މި ޤާނޫނުގެ ސަބަބުން އެ ފަދަ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅުތައް އިތުރަށް އެޅުމުގެ ބާރު ވައިޓްހައުސްއަށް ލިބިގެންދާނެއެވެ.

ރޮއެޓަރޒް ބުނާގޮތުގައި އަސަދުގެ ސަރުކާރު ޤަބޫލުނުކުރުމަށް މި ޤާނޫނު އެމެރިކާގެ ފެޑަރަލް ސަރުކާރަށް ގޮވައިލައެވެ. އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް 2020 ގައި އަޅައިފައިވާ ޤައިޞަރު ޤާނޫނުގެ ދާއިރާ  މި އައު ޤާނޫނުގެ ސަބަބުން ފުޅައުވެގެންދާނެއެވެ.

މި މަހުގެ ހަތްވަނަ ދުވަހު ޢަރަބިލީގުން ވަނީ ސޫރިޔާއަށް އެ ޖަމާޢަތުގެ މެންބަރުކަން އަލުން ދީފައެވެ. ސުޢޫދީ ޢަރަބިއްޔާއާއި މިޞްރާއި ޢިރާޤުފަދަ ބައެއް ޤައުމުތަކުން ވަނީ ސޫރިޔާއާއެކު ސިޔާސީ ގުޅުންވެސް އިޢާދަކޮށްފައެވެ. މި މަހު 19ގައި ރިޔާޟުގައި ބޭއްވޭ އަރަބި ސަމިޓަށް ވަނީ ރައީސް އަސަދަށް ދަޢުވަތުވެސް އަރުވައިފައެވެ. 

   ރައީސް އަސަދު ވަނީ އީރާނާއި ރަޝިޔާގެ އެހީގައި ސޫރިޔާގެ ބޮޑު ބައެއް އޭނާގެ ސަރުކާރުގެ ބާރުގެ ދަށަށް ގެންނަވައިފައެވެ. އަސަދުގެ ސަރުކާރާއެކު ޢަރަބި ޤައުމުތައް ގުޅުން ރަނގަޅުކުރާން ފެށީ މި އަހަރުގެ ފެބްރުވަރީގައި ސުރިޔާގެ އުތުރަށް އައި ބާރުގަދަ ބިންހެލުންތަކުގައި  ލިބުނު ބޮޑެތި އިންސާނީ ގެއްލުންތަކާ ކުރިމަތިލާންޖެހުނު މުޞީބާތްތަކާ ވިދިގެންނެވެ.

އެމެރިކާ ބުނާގޮތުގައި ވޮޝިންގްޓަނުން އަސަދާއެކު ގުޅުން ޠަބީއީއެއް ނުކުރާނެއެވެ. އަދި އަސަދު ސަރުކާރާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް އެގޮތުގެ މަތީގައި ދަމަހައްޓާނެއެވެ. ކޮންގްރެސްގެ އިސް މުވައްޒަފަކު ވިދާޅުވި ގޮތުގައި މި ބިލް ކޮންގްރެސްއަށް ހުށައަޅުއްވާނީ ހައުސްގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމެޓީގެ މުޤައްރިރު މައިކަލް މެކޯލްއާއި ސެނެޓަރު ޖޯ ވިލްސަނާއި ޑިމޮކްރެޓިކް މެންބަރެއް ކަމުގައިވާ ސްޓީވް ކޯހެނާއި ވިންސެންޓީ ގޮންޒާލީސް ފަދަ މެންބަރުންތަކެކެވެ.

ކޮންގްރެސްގެ އިންޒާރު

ކޮންގްރެސްގެ މި އިސް މުވައްޒަފު ވިދާޅުވާގޮތުގައި މިއީ ތުރްކީއާއި ބައެއް ޢަރަބި ޤައުމުތަކުން ސޫރިޔާއާއެކު ގުޅުންތައް ރަނގަޅުކުރަމުންދާތީ އެ ޤއުމުތަކަށް އެމެރިކާއިން ދޭ އިންޒާރެކެވެ. މި ޤައުމުތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުއަޅާނެއެވެ. މި ބިލް ހުށައަޅުއްވާ މެންބަރުން ވިދާޅުވާ ގޮތުގައި ސޫރިޔާ އަނބުރާ ޢަރަބިލީގަށް ގެނައި މަސްއަލައިގައި އެމެރިކާ މި ވަނީ ވަރަށް ރުޅި އައިސްފައެވެ. މިކަމާ ދެކޮޅަށް ފިޔަވަޅުއެޅުން އަވަސްކުރަންޖެހޭ ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.

މި ބިލް ބުނާގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ކުރިއަށް އޮތް ފަސް އަހަރާބެހޭ އިސްތިރާތީޖީއެއް ކޮންގްރެސްއަށް ހުށައަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ. ރައީސް އަސަދުގެ ސަރުކާރާއެކު ގުޅުންތައް ޤާއިމުކުރަމުންދާ ޤައުމުތަކާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭނެ ސިޔާސަތު މި އިސްތިރާތީޖިއްޔަތުގައި ބަޔާންކުރަން ވާނެއެވެ.

ކޮންގްރެސްގެ މި ބިލް ބުނާގޮތުގައި ސޫރިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ  ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓޭނެއެވެ. އަދި މި ކުންފުނިތަކުގެ ބޯޓުތައް ދަތުރުކުރާ ވައިގެ ބަނދަރުތަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅޭނެއެވެ.

މި ބިލް ފާސްވެއްޖެނަމަ 50 ހާސް ޑޮލަރަށްވުރެ ބޮޑު މާލީ އެހީއެއް ސޫރިޔާއަކަށް  ނުދެވޭނެއެވެ. ސޫރިޔާ އާރާސްތުކުރުމަށް ޓަކައި އެ ޤައުމަށް ވަނީ ބޮޑެތި އެހީތައް ބޭނުންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *