އޭ މަގޭ މިތުރާ އަހާށޭ ދަންނަވަން މި އުޅޭ ޚަބަރު
ދޭހަވާހެން ފޮރުވިފައިވާ ސިއްރުތައް ފިލުވާ ދަބަރު
ކަންފަތަށް އުނދަގޫ ވިޔަސް ކަނުލާ އަހައިފިއްޔާ ތިބާ
އަންތަރީސްވާ ވަރުގެ ލިބިގެން ދާނެޔޭ ގިނަގުނަ ޢިބަރު
ނޭނގި ހުއްޓާ ޒަހަރުލާފައި އެބަ ދެޔޭ ކާތަށި މަތިން
އޭގެ ރަހަ ވިހަވާނެކަން ދަންނާށެ ވުރެވެސް ހިތި ހަބަރު
ދުނިތަކާ ސާޅަނގަ ތަކާ ފަރުދާވެ ތިބެގެން ރާވަމުން
ނުނިޔަތާއެކުގައި ރުވާފައި ދޫކުރޭ ލާފައި ރަބަރު
ހެއްލިގެން ލޯ ކުރިމަތީގައި ދައްކަމުންދާ ކުލަވަރަށް
ގެއްލިގެން ނުމެދާށެ އިވުނަސް ރާގުރާގަށް ނަލަ ގިބަރު
ޙިކުމަތާ ބުއްދީގެ ބޭނުން އެބަޖެހޭ ކުރިއަށް ނެރެން
ފިކުރުކޮށް ވިސްނާ ބަލައިގެން އިސްކުރާށޭވީ ސަބަރު
ވާ ގޮތާ ވާންވީ ގޮތާ މެދު ހާސްވެ ކަންތައް ބޮޑުވެގެން
އާ ގޮތެއް ހޯދަން ސިކުނޑިއަށް މާބޮޑަށް ނުކުރާށެ ބަރު
ހީ ކުރާށޭ ހަވަނަ ހިއްސޭ އިއްވަނީ އަޑު ކަންފަތަށް
މީ ލިބުނު ހަދިޔާއެކޭ ހީ ކޮށްފި ނަމައީ ޖުދުޒަބަރު