އެއް ދުވަހަކު މީހަކު އުމަރު ބުނުލްޚައްޠާބުގެ އަރިހަށް އޭނާގެ އަނބިކަނބުލޭގެ ރުޅިގަދަކަމުގެ ޝަކުވާ އުފުލަން ދިޔައެވެ. މި މީހާ އުމަރުގެފާނުގެ ގެކޮޅު ކައިރިޔަށް ގޮސް އެކަލޭގެފާނު ނިކުންނަވާނެ އިރެއްގެ އިންތިޒާރުގައި ހުއްޓެވެ.
އެ ހިނދު އެކަލޭގެފާނުގެ ގެކޮޅުތެރެއިން އޭނާ އަށް އިވުނީ އުމަރުގެފާނުގެ އަބިކަނބަލުން އެކަލޭގެފާނާ ދިމާއަށް އަޑުލައްވާ އަޑެވެ. ނަމަވެސް އުމަރުގެފާނުގެ ހިލަމެއް ނުވެއެވެ. ރައްދުގައި ބަހެއް ވިދާޅުވި އަޑެއް ނީވެއެވެ. ކެތްތެރިކަމާ އެކު އަޑު އަހަން ހުއްޓެވެ.
ދެން މިމީހާ އެނބުރި ދިޔުމަށް ހިނގައިގަންނަމުން އޭނާގެ އަމިއްލަ ނަފްސާ މުޚާތަބުކޮށް ބުންޏެވެ. "މިއީ މުއުމިނުންގެ އަމީރުގެ ހާލުކޮޅު ހުރި ގޮތް ކަމަށް ވާނަމަ އަހުރެން ކަހަލަ އާދައިގެ މީހެއްގެ ހާލަތު ހުންނާނީ ކިހިނެއް ހެއްޔެވެ؟ އެހެނީ އެކަލޭގެފާނަކީ މީސްތަކުން އަދަބުވެރި ކުރުވުމުގައި ހަރުކަށި ބޭކަލެކެވެ."
އެވަގުތު އުމަރުގެފާނު އެކަލޭގެފާނުގެ ގެކޮޅުން ނުކުމެވަޑައިގަތެވެ. އަދި މިމީހާ ފެނިގެން ގޮވައިލެއްވިއެވެ. "އޭ ޒުވާނާއެވެ. ތިބާ އަހަރެންގެ ކިބައިން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟" އެމީހާ ޖަވާބުގައި ބުންޏެވެ. "އޭ އަމީރުލް މޫއްމިނީން އެވެ. އަހަރެން ކަލޭގެފާނުގެ އަރިހަށް އައީ އަހަރެންގެ އަންހެނުންގެ ރުޅިގަދަ ކަމާއި އަދި އަބަދާއިއަބަދު ޝަކުވާ ކުރާތީ އެކަމުގެ ޝަކުވާ ދެންނެވުމަށެވެ. ނަމަވެސް ކަލޭގެ ފާނުގެ އަނބިކަބަލުންވެސް ހަމަ އެބީދައިން ކަލޭގެފާނާ ދިމާއަށް އެއްޗެހި ކިޔުއްވާ އަޑު އިވުމުން އެނބުރި ދަނީ އެވެ. ހިތަށް އެރިއެވެ. މިއީ އަމީރުލް މުއުމިނީންގެ ހާލުކޮޅު ހުރިގޮތް ކަމަށް ވާނަމަ އަދި އަހުރެން ކަހަލަ މީހެއްގެ ހާލު ހުންނާނީ ކިހިނެއް ހެއްޔެވެ؟"
އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. "އޭ މަގޭ އަޚާއެވެ. އަހަރެން އޭނާގެ ޝަކުވާތަކާއި ހުރިހާ ކަމަކަށް ކެތްތެރިވަނީ އަހަރެންގެ މައްޗަށްވާ އޭނާގެ ހައްގުތަކުގެ ސަބަބުންނެވެ. އޭނާ އަހަންނަށް ކާތަކެތި ކައްކައެވެ. ޕާން ފިހެދެއެވެ. އަހަރެންގެ އަންނައުނު ދޮވެދެއެވެ. އަދި އަހަރެންގެ ދަރިންނަށް ގާތުން ކިރުދެއެވެ. އެހެނެއް ކަމަކު މިއިން އެއްވެސް ކަމަކީ އެކަނބުލޭގެ ޒިންމާއެއް ނޫނެވެ. އަދި އެކަނބުލޭގެ އަކީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. އަހަރެން ގޯސް އަމަލުތައް ކުރުމުން ދުރުކޮށްދެއެވެ. އެ ހުރިހާ ކަމަކަށްޓަކައި އަހަރެން އެކަނބުލޭގެއާ މެދު ކެތްތެރިވަމުއެވެ."
ދެން އެމީހާ ބުންޏެވެ. "އޭ އަމީރުލް މުއުމިނީންއެވެ. އަހަރެންގެ ކަންތައްތައްވެސް ހަމަ ތިޔަފަދައެވެ.
އެ ހިނދު އުމަރުގެފާނު އެމީހާއަށް ވިދާޅުވިއެވެ. "އޭ އަޚާއެވެ. އެހެންވީއިރު ތިބާ ތިބާގެ އަނބިމީހާއާ މެދު ކެތްތެރިވާށެވެ. މި ދުނިޔޭގެ ޙަޔާތަކީ ކުރު އެއްޗެކެވެ."
މަސްދަރު: އައްޛަހަބީ/ އަލް-ކަބާއިރު 194




advertisment