Support Us

ޢިބްރަތްތެރި ވާހަކަ: ފަޤީރުކަން ބޮޑުވެ ގޮތް ހުސްވެގެން އިމާމުގެ އަރިހަށް ދިޔަ ދެމީހެއްގެ ވާހަކަ

އެއް ދުވަހަކު ގޭގައި ހުއްޓައި މެދު ޢުމުރުގެ އަންހެނަކު އައިސް ދެއްކީ އޭނާއަށް ކުރިމަތިވެފައިވާ މައްސަލަތައް ގިނަކަމުގެ ވާހަކަތަކެވެ. އަޑުއަހައި ނިމުއިރު އޭނާއަށް ކުރިމަތިވެފައިނުވާ މައްސަލައެއް ނެތެވެ. ދެ ކުދިންނާއެކު އެކަނިވެރިވެފައެވެ. އެހީތެރިވާނެ ހަމަ އެކަކުވެސް ނެތެވެ. ދަރިން ރޯތީ އެކުދިންގެ ބޭނުންތައް ފުއްދައިނުދެވިގެން އެކިވަރުގެ ފާފަތައްވެސް ކުރެއެވެ. އޭނާއަށް ދެން ފިރިއަކު ލިބިދާނެ ކަމަކަށް އުންމީދެއްވެސް ނުކުރެއެވެ. އޭނާ ނަމާދުވެސް ކުރެއެވެ. ނަމަވެސް ވަރަށް މަދުންނެވެ.

އޭނާގެ ވާހަކަ އަޑުއަހައި ނިމުނުތަނާހެން ޒުވާން ފިރިހެނަކު އަތުވެއްޖެއެވެ. އޭނާގެވެސް މައްސަލަތަކެއް ހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ އަތްމަތި ނުތަނަވަސްކަމެވެ. ތަނަވަސްކަން ކުޑަކަމެވެ. މައިންބަފައިންނަށް ޚަރަދުކުރާނެ ފައިސާވެސް އަތަކު ނެތެވެ. ނަމާދުކުރުމުގެ ޙާލަތު ބެލިއިރު ނަމާދުކުރަނީ ވަރަށް މަދުންނެވެ.

ދެމީހުންގެ ގާތުގައިވެސް ބުނީމެވެ. "ދުނިޔެއަކީ މައްސަލަތަކުން ފުރިގެންވާ ތަނެކެވެ. މައްސަލަތައް ހުންނާނެއެވެ. ދަތިތައްވެސް ހުންނާނެއެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ނުކުރާށެވެ. ޙަލާލް ނޫން އެއްޗެއް އަދި ޙަލާލް ނޫން ގޮތެއްގައި ހޯދާ އެއްޗެއް އަރުން އެތެރެނުކުރާށެވެ. ދަރިންނަށްވެސް މައިންބަފައިންނަށް ވެސް ނުދޭށެވެ. ބޭނުންތައް ނުފުދޭނަމަ ދަރިންވެސް ރޯނެއެވެ. މައިންބަފައިންވެސް ރޯނެއެވެ. އެމީހަކު އަމިއްލައަށްވެސް ރޯނެއެވެ. ކެތްތެރިވެލާށެވެ.

ދެމީހުންގެ ޙާލަތުގައިވެސް ފުރަތަމަ ފަރުވާއަކީ ބަރާބަރަށް ނަމާދުކުރުމެވެ. ކެތްތެރިކަމާއެކު ނަމާދުން ވާގި އެދޭށެވެ. އެދޭ ކަންކަން ހިންމަވައި ދެއްވަވާނެތެވެ. އިންޝާ ﷲ. އެހެން ބުނުމުން ދެމީހުންވެސް ނުކުމެގެން ދިއައީއެވެ.

އެއިގެ ހަތަރު ވަރަކަށް އަހަރު ފަހެވެ. ބައަކު ދިން ދަޢުވަތަކަށް އަވަށުގެ އަގުބޮޑު ރެސްޓޯރަންޓަކަށް ކާން ދިއައީމެވެ. އެތަނުގައި އިންދައި އަންހެނަކާއި ފިރިހެނަކު އައިސް ބައްދަލުކުރިއެވެ. އެމީހުންގެ ތަޢާރަފްގައި ކުރިން އަހުރެންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކާއި އަހުރެން ދިން ޖަވާބު ކިޔައިދިނުމުން އެއީ ކޮން ބައެއްކަން އެނގުނެވެ.

އެ ދެމީހުން ބުނި ގޮތުގައި އެދުވަހު އަހުރެމެންގެ ގެއިން ދެމީހުން އެކުގައި ނުކުމެގެން ގޮސް އެމީހުންގެ ޢަމަލުތައް އިޞްލާޙްކުރިއެވެ. ބަރާބަރަށް ނަމާދުކުރަން ފެށިއެވެ. އެގޮތަށް އުޅުމުގެ ތެރޭގައި ދެމީހުންގެ މެދުގައި ގާތްކަން އުފެދި ލޯތްބަށް ބަދަލުވެ ކައިވެނިވެސް ކުރީއެވެ. ދެމީހުން އެކުގައި ކުރި މަސައްކަތުން ކުރިއެރުން ލިބި މިއަދު އެ ދެމަފިރިންނަކީ ތަނަވަސް ދެމަފިރިންނެވެ. ދަތި ޙާލުގައި ދިރިއުޅެން ޖެހުނު ދުވަސްތައް މާޒީވެ ދިއައީއެވެ. ޢުމުރުގައި ތަފާތެއް ހުރި ނަމަވެސް ދެމީހުން ދިރިއުޅެނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ވަރަށް ލޯބިންނެވެ.

"އަހުރެމެން އެދުވަހުން ފެށިގެން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވިން. އެންމެ ނަމާދެއްވެސް ނާޅަން. ސުންނަތް ނަމާދުތައްވެސް ކުރަން ފެށިގެން. ޢަމަލުތައް އިޞްލާޙްކުރިން. ހައިހޫނުކަމަށް ކެތްތެރިވިން. ކޮންމެ ނަމާދެއްގެ ފަހުގައާއި ސަޖިދައިގަ ދުޢާކުރަމުން ގެންދިއައިން،" ކަމަށްވެސް ދެމީހުން ބުނެފައިވެއެވެ.

ނާހިދު ޔޫސުފް ބުނެލަން ބޭނުންވަނީ ކިތަންމެ ދަތިޙާލެއްގައި ދިރިއުޅެން ޖެހުނަސް ޙަލާލް ތަކެތި ކައި، ނަމާދުކޮށް، މިންވަރަށް ޝުކުރުވެރިވެ ކެތްތެރިވާ އަޅުންނަށް އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ. އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިންޝާ ﷲ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *