ޙަސަދައިގެ އޮށަކުން ފެޅި ގަހެއް، ފިތުނައިގެ ފެންދީ ދިރުވުމުން
މަސަލަސްކަމުގެ ފިނި ހިޔަލަކަށް ތަން ދޭނެބާ؟ ހެދި ބޮޑުވުމުން
ބުލްބުލްތަކާ ބަޅިދާ ކޮކާ ފިންޏަށް ދެއިރު އައިސް ފިރުމުމަށް
ޞުލްޙައިގެ ނަލަ މާ ކޯޅިތައް ފަރިވާނެބާ؟ ހިނިތުންވަމުން
އެ ގަހުން ފޮޅޭ މާ ގިނަވިޔަސް، އެ މަލުން ދެ އިރު ޒީނަތްވިޔަސް
އެ ގަހުގެ ވަށައިގެން ދޫނިތައް އެނބުރޭނެބާ؟ ވަސް ހިތިކަމުން
މޭވާ އަޅާ ގަސް ބަރުވިޔަސް ދޮން ކުލަ އަރާ ފައްކާވިޔަސް
ނޭވާ ނުލައި ބިންނާނެބާ؟ އަތްލައި ބަލައިފައި ވިހަކަމުން
ރަހަ މީރުވާނެކަމަށް ހިތައި ބިނދެގެން އެ މޭވާ ކައިފި ނަމަ
ޒަހަރެއްކަމަށް ނުވެ ދާނެބާ؟ ތާސީރު އޭގެ ނުބައިކަމުން
***
މައްޗަށް އެ ގަސް ހެދި ބޮޑުވެގެން މޫތައް ބިމަށްމުޅި ފެތުރިގެން
ދައްޗާ ތުރާ ނޫނީ ފަހުން ލިބި ދާނެބާ؟ ހުރެ ބިޔަވުމުން
ލުހެލައި މުލުން އެއްލައި ލިޔަސް،އަލިފާން ޖަހާ އަންދައި ލިޔަސް
ފުހެވޭނެ ހަމަ އެއްވެސް ގޮތެއް އޮންނާނެބާ؟ އެ އަސަރު ބިމުން