ޙައްގުތައް ދިވެހީންގެ ނިގުޅައިގެންފިޔޭ މިއަދުގެ ވެރީން
ހައްދަވައިގެން ތެދުބަހެއް ނުބުނޭ މިކަމުގައި ބައިވެރީން
ކާބަފައިން ގުރުބާންވެގެން ދެމެހެއްޓި އަގުބޮޑު ތަރިކައެއް
ލާބަ ޖީބަށް ހޯދުމަށް ވިއްކައިފިޔޭ ތިބި ކެހިވެރީން
ކޮންކަހަލަ ނުލަފާ ނުބައި ވިސްނުން އެތިބަ އިސްކޮށްލަނީ
އޮންނަ ހަމައިން ފިކުރު ހިންގީމާ ފެނޭ އެބަ މެދުވެރީން
އެއްކަމެއް އޮޅުވައި ނުލާކުރި ނެތްކަމޭ އެނގެމުންދަނީ
ދެއްކިޔަސް ޙުއްޖަތްތަކެއް މާމަތި އޮމާންކޮށް ދޮގުވެރީން
މި ފަދަ ވެރިކަމަކަށް ރުހުންދީގެން އެތިބަހާ ޚާއިނުން
ދެ ފަދައެއް ތާރީޚު ނުދެކޭނޭ އެއީޔެ ޣަދަރު ވެރީން
ހެޔޮނުބައި ވަކިވާ ބަޔަކު ތިބިނަމަ މި ގައުމުގެ ޙައްގުގައި
ހެޔޮ އެދޭނަމަ ދެތުވެދޭށޭ އަސްލު ތަނުގެ އަހުލުވެރީން
ފިތުނަޔާ ޙަސަދައިގެ މޫތައް ދިވެހި ބިމުގައި ފެތުރުމަށް
އިތުރު ފުރުޞަތު ފަހި ނުކޮށްދޭށޭ ވަފާތެރި އެކުވެރީން
ބާރު މުށުތެރެއަށް ލެވޭތޯ ނޫޅެ ގައުމީ ވިންދުގައި
އާރުލާ ފަދަ ޚިދުމަތެއް ކޮށްދޭށެ ތިބިނަމަ ތެދުވެރީން