ކުދިން ލިބުމުން އަނބިމީހާ ފަލަވެ ދޮން މޫނުގައި ލަކުނުލީއެވެ. ނުވަތަ ހިކި، ދެލޯ ވަޅުވަދެ، ދިރިއުޅުމުގެ ސްޓްރެސް އިން އަނބިގޮއްޔެ ހުތުރު ކޮށްލަނީއެވެ. ނިމުމެއް ނެތް ބަހުޘް ރީތި ހުތުރު ކައިވެނީގެ ވަކި ހިސާބަކުން ދިރިއުޅުމަށް ހިޔަނި އަޅުވާލައެވެ. ފިރިސޮރު ލާރި ހޯދަން ކުރާ ބުރަ މަސައްކަތުގައި ބަނޑުލައި، އޭނާގެ ހޭންސަމް ލުކް ގެއްލިއްޖެއެވެ. ބޭގަނޑެއް ވައްތަރު ޖަހާލައިފިއެވެ.
ނުސީދާކޮށް ނަމަވެސް މިހާރު އަނބިމީހާގެ ހުތުރު ވާހަކަ ފިރިމީހާއަށް ދެއްކެއެވެ. "ތިއޮށް ޗޮސްބަނޑު ހާދަ ހަޑިއޭ.. ތިހިރަ މޫނެއް މާމައެއްހެން ހީވަނީ.."
އަނބިވެސް ހިތުގައިވާ ބަސް ބުނެލައެވެ. "އެއްކަލަ ނަޖޫ އިނީ ހާދަ ސްމާރޓްމީހަކާއޭ. އަދިވެސް ބަދަލެއް ނާދޭ."
ދެން އިވެނީ ކޮންމެވެސް ޒުވާނަކު ހަޔާތަށް އައި ވާހަކައެވެ. ރީތި ހުސްކުރި، ބައްޓަން ރީތި ގޮމައެއް ނުވަތަ ޅަ، ދޮން ސްމާޓް ސޮރެކެވެ.
ޗެޓް ލޮގް ފުރިފައިވާނީ ހުޝާމަދު ޗެޓްތަކުންނާއި ފޮޓޯތަކުންނެވެ.
ސްނެޕް ފިލްޓަ އާއި އޭތިމީތީގެ ޖާދޫން ނަގާފައިވާ ފޮޓޯތަކުން އަޅާ ކިޔާލެވެނީ އަނބިގޮއްޔެއާއި ފިރިސޮރުގެ ސިފައިގެ ތަފާތެވެ. ޙަރާމް، ހަލާލެއް ނުބެލުނު ތާނގައި ހަނދާންނެތުނީ އަހަރެމެން ބޮޑުވީވެސް ޅައުމުރުގެ ހަޔާތުން ދުވަސްތަކެއް ފާއިތުވެ ސިފަ ބަދަލުވެގެން އުޅުންވެސް ބަދަލުވެގެން ކަމެވެ.
ޢިލާޙީ ގާނޫނު ހަނދާން ނެތުނީއެވެ. ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކީ ޒުވާންކަން ކެނޑިގެންދާނެ ދުވަހެކެވެ.
ވިސްނާލާށެވެ. ރީތި ހުތުރަކުން ދިރިއުޅުން އުޖާލާއެއް ނުވާނެއެވެ. ރީތިވާންވީ އުޅުމާއި އަހުލާގެވެ.
އަނބިގޮއްޔެއާއި ފިރިމީހާ ކިބައިގައި ހުންނަންވީ ވަފާތެރިކަމާއި ލޯތްބާއި އަޅާލުމާއި ކުލުނެވެ.
މޫނުގެ ލަކުނަކުން، ބަނޑުގެ ބޮނޑުކަމަކުން ހަމުގެ އޮމާންކަމާއި ޗާލުކަމަކުން ދިރިއުޅުމަކަށް އަސަރުކޮށްގެންނުވާނެވެ.



advertisment