ﷲގެ ކުޅަދުންވަންތަކަން ދެކޭށެވެ. ކުރެވޭ އިޚުލާޞްތެރި ކުޑަކުޑަ ކަމަކުން ވެސް ނުވަތަ ސާފު މޫނަކާއެކު ބުނެލެވޭ ހިތްހެޔޮ ރީތި ބަހަކު ވެސް މުޅި އުމުރުގައި ނުވެއޮތް ހުވަފެނެއް ހަގީގަތަކަށް ވެދާނެއެވެ. ހުރިހާ ކަމަކަށް ވެސް ﷲ ކުޅަދުންވަންތައެވެ.
މިއީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް މީހަކަށް ހައްޖަށް ދެވުނު ވާހަކައެވެ.
މި މީހާއަކީ ގާނާގެ ރައްޔިތެކެވެ. ރަށްފުށުގައި ދިރިއުޅޭ ނިކަމެތި ފަގީރެކެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ކެރިކުޅަދާނަކަށް ފައިސާގެ ގޮތުން ނެތް ނިކަމެއްޗެކެވެ. އެކަމަކު އަބަދުވެސް މާތްވެގެންވާ ހަރަމްފުޅު ދުށުމުގެ ހުވަފެން ދެކެމުން އައެވެ. މުޅި އުމުރުގައި ވެސް ދެކެމުންދިޔަ އެންމެ ބޮޑު ހުވަފެނަކީ އެއީއެވެ.
އެއް ދުވަހަކު ތުރުކީވިލާތުގެ ނޫސް އެޖެންސީއަކުން އެ އަވަށުގެ މަންޒަރުތައް ނެގުމަށް ޑްރޯންއެއް އަރުވައިގެން އުޅުނެވެ. އެ ޑްރޯން އެ މުސްކުޅި ބޭބެގެ ފަން ޖިފުޓިގަނޑު ކައިރިއަށް ވެއްޓުނެވެ. ތުރުކީގެ ނޫސްވެރިން ޑްރޯން ހޯދަން އައުމުން ޑްރޯން ހިފައިގެން ގެއިން ނުކުމެ ހަވާލުކުރިއެވެ. ޑްރޯން ދެމުން ސަމާސާގެ ރާގެއްގައި އެ ބޭބެ ބުންޏެވެ. އަހަރެން ހައްޖަށް ގެންދެވޭނެ ވަރުގެ މީގެ ބޮޑު އެއްޗެއް އެބައޮތްހެއްޔެވެ؟
އެ ނޫސްވެރިޔާ އެ މުސްކުޅި ބޭބެގެ އާދަޔާ ޚިލާފު ހިތްހެޔޮ، އޯގާތެރި އަދި ރީތި ހިނިތުންވުމުގެ ވާހަކައާއެކު މި ވާހަކަ ނޫހުގައި ޝާއިއުކުރިއެވެ. މި ވާހަކަ ޝާއިޢުކުރުމާއެކު ތުރުކީވިލާތުގެ ސަރުކާރުން ނިންމީ އެ ބޭބެ ހައްޖަށް ފޮނުވާށެވެ. އެކަމާ ގުޅޭ ހުރިހާ ޚަރަދެއް ވެސް ތުރުކީވިލާތުގެ ސަރުކާރުން ކުރާށެވެ.

މަތީގައިވާ ފޮޓޯއިން ފެންނަނީ އެ މުސްކުޅި ބޭބެ ޑްރޯން ހަވާލުކުރަން ވެގެން އޭތި އަތްމައްޗަށް ލައިގެން ހުރި މަންޒަރެވެ. އަނެއް ފޮޓޯއިން އެ ފެންނަނީ ހައްޖަށް ތައްޔާރުވެގެން މައްކާގައި ހުރި މަންޒަރެވެ.
ﷲ އަކީ އެންމެ ރަނގަޅު ރޭވުންތެރިޔާއެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment