ލޯބިވާ ފިރިމީހާއެވެ. ތިޔަ ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަމެވެ. ތިޔަ އުފުލާ ބުރަ އިހްސާސްވެއެވެ. އެކަމަކުވެސް ޝަކުވާވެސް ކުރެވެނީއެވެ. ކުރެވޭ އުއްމީދު ބޮޑުކަމުންނެވެ. މަސައްކަތުގެ ވަގުތުގައިވެސް ފިރިމީހާގެ އަޑުއަހާލަން ބޭނުންވާތީއެވެ.
ތެދެކެވެ. ވަރަށް ބިރުގަނެއެވެ. ގެއްލިދާނެތީއެވެ. މަރު ކޮންމެ ވަގުތަކުވެެސް ބައްދަލުކޮށްފާނެކަމުގެ ބިރެވެ. އަހަންނަށްވުރެ ކުރިން ތިބާ ވަކިވެދާނެކަމުގެ ބިރެވެ. އެހެންވެ އަވަސްއަވަހަށް ގުޅެނީއެވެ. މެސެޖުވެސް ކުރެވެނީއެވެ.
ރަޙްމަތްތެރިންނާއެކު ދިޔުމުންވެސް ގުޅާލެވެއެވެ. އަބަދުވެސް އެކުގައި ވުމަށްއެދޭތީއެވެ. ދުނިޔެވީ ޒީނަތުގައި ޖެހި ވަގުތުކޮޅަކަށްވެސް ތިބާ އަހަރެންމަތިން ހަނދާން ނައްތާލަފާނެތީ ހިތް ނުތަނަވަސްވާތީއެވެ.
އަގުބޮޑު ހަދިޔާތަކަކުން ހިތްފުރާނުދެވުނަސް އުފާވެރި ވަގުތުތަކެއް އެކުގައި ހޭދަކުރަން ބޭނުންވެއެވެ. ސަމާސާކޮށްލައި، ކުދިން ލިބުމުގެ ކުރިން ހޭދަކުރި އުފާވެރި ވަގުތުތައް ތަކުރާރުވާން އެދޭތީވެ ޝަކުވާގެ ދިގު ލިސްޓް ކިޔެނީއެވެ. ފެނިލުމުން ވާ އުފަލަކުން ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔާލެވެނީއެވެ. ބޮލަށް އުުނދަގޫވި ނަމަވެސް ހިއްސާކުރަން ބޭނުންވާލެއް ބޮޑުކަމުންނެވެ.
ބައެއް ފަހަރު ރުޅިގަދަވެއެވެ. ދުލުން ނުބުނި ނަމަވެސް ފަހުން ދެރަވެއެވެ. ރުޅި ނާދެވުނު ނަމައޭ ހިތަށްއަރައެވެ. އެކަމަކުވެސް ކަންކަމުގައި ކުރެވޭ އުއްމީދު ބޮޑީއެވެ.
ސަފްހާ ދެ ސަފްހާގެ މެސެޖު ލިޔެފައި ފޮނުވަމެވެ. ބުނެދޭހިތްވާލެއް ބޮޑުކަމުންނެވެ.
ތެދެކެވެ. ވަރަށް އަމިއްލަ އެދުން ބޮޑެވެ. ލޮލު ކޮޅުންވެސް ތިބާއާ ދިމާލަށް އިތުރު އަންހެނަކު ބަލާލަންވެސް ބޭނުންނުވެއެވެ. ލޯބިވާތީއެވެ. ޖަންނަތުގައި އެކުގައި ވުމަށް އެދޭތީއެވެ.
އަބަދުގެވެސް ދުޢާއެވެ. ތިބާ ރައްކާތެރިކަންމަތީ ލެއްވުމުވެ. އުމުރުގައި ބަރަކާތްލެއްވުމެވެ. އިސްލާމީ ރިވެތި ސިފަތަކުގެ މަތީގައި ދެމިހުރުމެވެ. ފާފަތަކާ ދުރުވުމެވެ. ކުދިންނާއި އަހަންނާއެކު ޖަންނަތުގައި އެކުގައިވުމެވެ.
ވަރަށް ލޯބިވެއެވެ.



advertisment