Support Us

ދަރިފުޅުގެ ރޫފަ… މަންމަގެ ކުށަކީ ކޮބާ؟

ވިހެއުމަށްފަހު މަންމައަކަށް ވުމުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތުއްތު ދަރިފުޅުގެ ރޫފައާ ގުޅިގެން މަންމައަށް ރައްދު ކުރެވޭ ބަސްތަކެވެ.

"ތެދެއް ވިހޭއިރު ދެކިލޯވެސް ހަމަނުވޭ. އެހެންވާނު ފަލަވެދާނެތީވެ ރަނގަޅު އެއްޗެއް ކެއީވެސް ނޫންވިއްޔަ،" މިއީ ރައްދުވާ އާންމު ބަސްބަހެވެ. އެކަމަކު މާބަނޑު އިރުގެ ހޮޑުލެވުމާއި ކެއުމުގައި ދިމާވި ގޮންޖެހުންތައް ފެނުނު ލޮލެއް، އެނގޭ މީހެއްވެސް ނެތީހެއްޔެވެ؟

"ދަރިފުޅަށް ތިންމަސް، ހާދަ ކުޑައޭ.. ގާތުން ދިނުން ހުއްޓާލާފައި ބުއްފުޅިދީބަލަ. މަންމަ ނުކަންޏާ ދަރިފުޅަށް ގާތުން ދިނަސް ރޫފައެއް ނާންނާނެ" އޭ ބުނެލާހިތްވެއެވެ. އެކަމަކު މަންމަ ފަލަވީމާ ދަރިފުޅު ރޫފަ އަންނާނެ ކަމަށް އޮތީ ކޮން ފޮތެއްގައި ހެއްޔެވެ؟

"ތި މީހުންނާއެކު ވިހެއީ އޭނާގެ ދަރިފުޅު ވަރަށް ލޯބި ބިސްކޮޅެއްހެން ހީވަނީ. ކާން ނުދެނީތަ؟ އޭނަ ވަރަށް ރަނގަޅަށް ކާންދޭނެ. އެހާ ރީތިކޮށް ގެންގުޅެނީވެސް،" އެހެން ވާހަކަތަކެކެވެ. ނޫނެކެވެ. ކާންދެމެވެ. ފައިދާ ހުރި ކާނާއާއި ދަރިފުޅަށް ލިބެންޖެހޭ ހުރިހާ ބައިތައް ހިމެނޭހެންނެވެ.

ދަރިފުޅަށް ރޫފަ ނާންނަކަން އެނގެއެވެ. ފެންނަ ކޮންމެ ފަހަރަކު ކުށްވެރިއެއްކަން އިހްސާސްކޮށްދީ ސުވާލުތަކުން ސިނކުޑި އަށް ބުރަކުރަނީ ތިއީވެސް މަންމައަކާއި ބައްޕައެކެވެ. ތިމާގެ ދަރިފުޅުގެ އުމުރުފުރާގެ ކުދިންނަށްވުރެ އަނަރޫފަވެފައި ކުޑަކަން ލޮލަށްވެސް ފެނެއެވެ. މަސައްކަތް ނުކުރަނީއެއް ނޫނެވެ.

ކިރަން ދާ ދުވަހު ސިއްޙީ ހިދުމަތްތެރިޔާވެސް ކޮށްލަނީ ހިތްމަރުވާ ކަހަލަ ސުވާލެވެ. "އެއްގޮތަކަށްވެސް ބޮޑެއް ނުވޭދޯ؟" އެހެން ބުނެލައެވެ. އެ މީހުންވެސް ބުނެނުދެނީ ހަދަންވީ ގޮތެކެވެ. ބަރުދަން ބަރުކުރަން ކުރާ މަސައްކަތް ދުލުން ނުކިޔައިދިނުމަކީ ދަރިފުޅާ މެދު ނުވިސްނުންހެއްޔެވެ؟

އަޑުން އަޑުނަގާ ރޮމުން ބުނާހިތްވެއެވެ. އަހަންނަށް އަހަރެންގެ ދަރިފުޅުގެ އަނަރޫފަ ހަށިގަނޑު ފެނެއެވެ. ކާން ނުދެނީއެއް ނޫނެވެ. ބޮޑުނުވާކަންވެސް އިހްސާސްވެއެވެ. ހަމަ އެއާއެކު ޖަވާބުވެސް ދޭހިތްވެއެވެ. ރޫފަ ރަނގަޅުވުމަކީ ސިއްޙަތު ރަނގަޅުވުމެއް ނޫނެވެ. އެވެނި މީހަކު ދަރި މޮޓަވުމަކީ އަހަރެންގެ ދަރިފުޅު އެހެން އިނުން ލާޒީމު ކަމެއް ނޫނެވެ.

މީ އަހަރެންގެ ތުއްތު ފުރާނައެކެވެ. އަނަރޫފަކަމުން އަހަންނަށް އަހަރެންގެ ދަރިފުޅު ހުތުރެއް ނޫނެވެ. ޑޮކްޓަރަށް ދައްކާ ބުއްފުޅި ދިނުންވެސް ނިންމާނީ އެ ދަރިފުޅުގެ މަންމައާއި ބައްޕައެވެ.

ސުވާލެއް ކޮށްލުމަކުން ނުވަތަ އަހާލުމަކުން ގޯހެއްނެތެވެ. އެކަމަކު ފެންނަ ކޮންމެ ފަހަރަކު ބޮޑުތަރުތީބު ވާހަކައިގެ ސޮފްހާއެއްހެން "އަނަރޫފަ، ހިކި، މިވައްތަރު، އެވައްތަރު" ކީމާ އިހްސާސްވަނީ މަންމައަކަށް ވީތީވެ ކުށްވެރިވާކަމެވެ.

ވިސްނަންވީ އެކި ކުދިން ބޮޑުވާނީ ވެސް އަދި ރޫފަ ހުންނާނީވެސް އެކި ވަރަށްކަމެވެ. ކުދިންގެ މަންމައަށް ރައްދު ކުރެވޭ މި ޒާތުގެ ބަސްތަކުން މަރުވާނީ މަންމަގެ ހިތެވެ. ހެޔޮ އެދޭނަމަ އަހަރެންގެ ތުއްތު ފުރާނައަށްޓަކައި ހެޔޮ ދުޢާއެއް ކޮށްލަދޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *