Support Us

ވާޓްސިލާގެ ދެކުނު އޭޝިއާގެ ޑިރެކްޓަރ ހެންރީ ވޭން ބޮކްސްޓެލް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަހްމަދު ޝަރީފް (ވ)

ޖަނަރޭޓަރުސެޓް އުފައްދާ ދުނިޔޭގެ ބޮޑު ކުންފުނި "ވާޓްސިލާ" އިން ސްޓެލްކޯއަށް ތައުރީފު

ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް "ވާޓްސިލާ" ކޯޕަރޭޝަނާއި ސްޓެލްކޯއާ ދެމެދު ވިޔަފާރިކުރާތާ 30 އަހަރު ފުރުން ފާހަގަކޮށް، ސްޓެލްކޯގެ އިންޖީނިއަރުންނަށް ތައުރީފުކޮށްފިއެވެ.

"ވާޓްސިލާ" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޖަނަރޭޓަރު ސެޓްތައް އެންމެ ފުރަތަމަ ރާއްޖެ ގެނެސްފައި ވަނީ 1990 ވަނަ އަހަރުގައި މާލޭ އިންޖީނުގެއަށް ކަމަށާއި އަދި އެ ޖަނަރޭޓަރު ސެޓްތައް މިއަދާ ހަމައަށްވެސް ސްޓެލްކޯގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި އެ ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި، ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެ ކުންފުނިން ބުނީ އާންމު ގޮތެއްގައި ޑީސަލް ޖަނަރޭޓަރެއްގެ އުމުރަކީ 25 އަހަރު ކަމަށެވެ.

ސްޓެލްކޯގެ ބައެއް އިންޖީނިއަރުން ވާޓްސިލާގެ ބޭފުޅުންނާއެކު މާލޭ އިންޖީނުގޭގައި ހުރި ވަރޓްސިލާ ޖަނަރޭޓަރެއް ކައިރީގައި. -ފޮޓޯ: ސްޓެލްކޯ

ވާޓްސިލާ އިން 1990 ގައި ގަތް ދެ ޖަނަރޭޓަރުސެޓުގެ އިތުރުން، މާލޭ އިންޖީނުގެއަށް އިތުރު ހަ ޖަނަރޭޓަރު ސެޓެއް ވަނީ ގެނެސްފައެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަނީވެސް ވާޓްސިލާގެ ހަ ޖަނަރޭޓަރު ސެޓް ކަމަށާއި ވާޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100 މެގަވޮޓަށް އަރާ ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.

ޖަނަރޭޓަރުސެޓް ފޯރުކޮށްދިނުމުގެ އިތުރުން "ވާޓްސިލާ ލައިފްސައިކަލް ސަރވިސަސް"ގެ ހިދުމަތުގެ ދަށުން ވާޓްސިލާއިން ގެންދަނީ ސްޓެލްކޯގެ އިންޖިނިއަރުންނަށް އަބަދުވެސް ތަމްރީނުތައް ދެމުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. އޭގެ އިތުރުން ވާޓްސިލާގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ސްޓޭޓް އޮފް ދަ އާޓް އިންޖީން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް" މިހާރު ސްޓެލްކޯގައި ބޭނުން ކުރަމުން އަންނަ ކަމުގައިވެސް އެ ކުންފުނިން ބުނެއެވެ. މި ޖަނަރޭޓަރު ސެޓްތަކަކީ ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް، ވައި ތަގައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެއް ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަހްމަދު ޝަރީފް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ އަދި ފަތުރުވެރިކަމުގެ ސިނާއަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވި ކަމުގައި ވީނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭ ކަމަށެވެ.

"އަދި އެއީ ވާޓްސިލާ ކުންފުނީގެ ޓެކްނިލަކް ގާބިލްކަމާއި، އެފަރާތުން ދެއްވާ ކަސްޓަމަރ ސަރވިސްގެ ފުރިހަމަކަމުން ކަމަށް ފާހަގަކުރަން. މީގެ އިތުރުން، 1990 އަހަރު ބޭނުންކުރަން ފެށި ޖަނަރޭޓަރުސެޓްތައް މިއަދާ ހަމައަށް އެހާ ފުރިހަމަށް މަސައްކަތްކުރުމަކީ ފާހަގަކުރަންޖެހޭ ކަމެއް. ވާޓްސިލާ ކުންފުނިން ސްޓެލްކޯއަށް ވެދެއްވާފައިވާ، އަދި މިހާރު ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން.  އަދި މުސްތަގްބަލުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގައި ވާޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތް،" ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯގެ ބައެއް އިންޖީނިއަރުން ވާޓްސިލާގެ އޮފިޝަންނާއެކު.. -ފޮޓޯ: ސްޓެލްކޯ

ވާޓްސިލާ އެނާޖީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރ ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ދެމިގެން މިދާ ވަރުގަދަ ގުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށާއި، 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެވުމުން އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލްކަމާއި، މެއިންޓެނެންސްގެ މަސައްކަތުގެ ފުރިހަމަކަން ކަމަށެވެ. އަދި ވާޓްސިލާ ގުރޫޕްގެ އުއްމީދަކީ އެ ކުންފުންޏާއި ދިވެހި ސަރުކާރާއި ސްޓެލްކޯއާ އޮންނަ ގުޅުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައިވެސް މިގޮތުގައި ދެމިއޮތުން ކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.

ސްޓެލްކޯ އަކީ ރާއްޖޭގެ އިންޖީނިއަރިންގ ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލް އިންޖީނިއަރުންގެ ޕޫލް އޮތް ކުންފުންޏެވެ. އެގޮތުން އިންޖިނިއަރިންގ ދާއިރާގައި 600 އަށްވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންކަން ސްޓެލްކޯ އިން ފާހަގަކުރެއެވެ.

ސްޓެލްކޯގެ ފިފްތްޕަވަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރާ ވާޓްސިލާގެ ޖަނަރޭޓަރުތައް -ފޮޓޯ: ސްޓެލްކޯ

ވާޓްސިލާއަކީ ކަރީލިއާ (މިހާރުގެ ފިންލެންޑް އަދި ރަޝިއާގެ ސަރަހައްދުތައް ހިމެނޭ ޤައުމެއް) ގައި 1834 ވަނަ އަހަރު ވަޑާމުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެކެވެ. މިހާރު 180 އަހަރު ވެފައިވާ އެ ކުންފުނިން 1959 ގައި ފުރަތަމަ ޖަނަރޭޓަރުސެޓް އުފައްދާފައިވާއިރު ބައިންލްއަގުވާމީ ގޮތުން ޖަނަރޭޓަރުސެޓްގެ ހިދުމަތްތައް ފުޅާކޮށްފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާޓްސިލާގެ އޮފިސްތަކުގައި ޔޫރަޕާއި އޭޝިއާ އަދި އެމެރިކާ ހިމެނޭހެން 17،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އާދެއެވެ.

އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ތިމާވެއްޓާ ރައްޓެހި، އިއާދަކުރަނިވި ހަކަތަ ފުޅާ ދާއިރާއެއްގައި އުފެއްދުމެވެ.