Support Us

ޙަޤީޤީ ރޯދަވެރީންނަކީ ކޮބާ!- 1

ބަރަކާތްތެރި ރަމަޟާން މަސް އަނެއްކާވެސް އަނބުރާ އައިސް އަޅުގަނޑުމެންނާ މިވަނީ ބައްދަލުކޮށްފައެވެ. މި ބަރަކާތްތެރި މަހުގައި މާތްﷲ ލައްވާފައިވާ ނަފަހާތުތައް ދަނެ، އެ ނަފްޙާތުތަކަށް ހާސާވެގަތުމަށް އަވަސްވެ ގަންނަމާތޯއެވެ؟

ރަމަޟާންމަހަކީ ރޯދަހިފުމާއި ރޭއަޅުކަންކުރުމާއި ދޫރައްކައުތެރިކުރުމާއި ޢިއްފަތްތެރިކަން ރައްކައުތެރިކުރުމުގެ މަހެވެ.

އެއީ ކީރިތިޤުރްއާން ބާވައިލެއްވިމަހެވެ. ކީރިތިޤުރްއާނަކީ އިސްލާމްދީނުގެ އަސާސެވެ. އިސްލާމީ އުއްމަތް ބިނާވެފައިވަނީ ކީރިތިޤުރްއާނުގެ ތަރަހައިގެ މަތީގައެވެ.

އެއީ ލައިލަތުލްޤަދްރި ވިލޭރޭގެ މަހެވެ. ލައލަތުލްޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަންބޮޑު ރެއެކެވެ.

އެއީ ދުޢާ އިޖާބަކުރެއްވުމުގެ މަހެވެ. ޞާލިޙު ޢަމަލުތަކުގެ މަހެވެ.

އެއީ ޖިހާދުގެ މަހެވެ. ނަފްސުގެ ޖިހާދާއި ދުޝްމަނުންނާ ދެކޮޅަށް ހުރިހާ މައިދާންތަކެއްގައި ޖިހާދުކުރުމުގެ މަހެވެ.

ރަމަޟާންމަހަކީ "ފުރްޤާން" މަހެވެ. މާތްﷲ އެކަލާނގެ ރަސޫލާއަށް ބަދްރުގައި ނަޞްރުދެއްވި މަހެވެ. ޙައްޤާއި ބާޠިލު ވަކިވެ މުސްލިމުންގެ ލަޝްކަރު މޮޅުވިދުވަސް ހިމެނޭ މަހެވެ.

ރަމަޟާންމަހަކީ އެމަހުގެ ފުރަތަމަ ދިހައިގައި ﷲގެ ރަޙްމަތް، މެދު ދިހައިގައި ﷲގެ ފުއްސެވުން އަދި ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވާފައިވާ މަހެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ ((وهوَ شهرٌ أوَّلُهُ رحمةٌ وأوسطُهُ مغفرةٌ وآخرُهُ عتقٌ منَ النّارِ [1] އެއީ އެމަހުގެ ކުރީކޮޅުގައި ރަޙްމަތް، މެދުތެރޭގައި ފުއްސެވުން، ފަހުކޮޅުގައި ނަރަކައިން މުއްތިކުރެއްވުން އޮތް މަހެވެ.))

ރަމަޟާންމަހަކީ މުޙައްމަދުގެފާނުގެ އުއްމަތަށް މާތްﷲ ގިނަގުނަ މާތް ކަންތައްތަކެއް ލެއްވި މަހެކެވެ.

  • އެންމެ ފުރަތަމަ ކަމަކީ ރަމަޟާންމަހުގެ ފުރަތަމަ ރޭ، އަރަހުށިﷲ އެމީހުންނަށް ބައްލަވައިވޮޑިގެންނެވުމެވެ. ރަޙްމަތުގެ ނަޒަރަކުން އެކަލާނގެ ބައްލަވައިވޮޑިގަންފި އަޅަކަށް ދުވަހަކުވެސް ޢަޛާބެއް ނުދެއްވާނެއެވެ.
  • ދެވަނަ ކަމަކީ، ﷲގެ މަލާއިކަތުން ކޮންމެ ދުވަހަކާއި ކޮންމެ ރެއަކު ރޯދަވެރީންނަށް ފާފަފުއްސަވައިދެއްވުމަށް އެދި ދުޢާކޮށްދެއްވުމެވެ.
  • ތިން ވަނަ ކަމަކީ، މާތްﷲ ރޯދަވެރިންނަށްޓަކައި ތައްޔާރުވެ ޒީނަތްތެރިވުމަށް ސުވަރުގެއަށް އެންގެވުމެވެ.
  • ހަތަރު ވަނަ ކަމަކީ، ރަމަޟާންމަހުގެ އެންމެ ފަހު ރޭ ހުރިހާ ރޯދަވެރީންނަށް ފާފަފުއްސަވައިދެއްވުމެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރެއެއްނޫނެވެ. އެހެނަސް އެއީ، މީހަކު މަސައްކަތެއްކޮށް ނިންމައިފި ނަމަ އެމީހަކަށް އެކުރި މަސައްކަތުގެ އަގު ދެވޭގޮތަށް މާތްﷲ ރޯދަވެރީންނަށް ދެއްވާ ސަވާބެވެ. ނުވަތަ އަޖްރެވެ.

މިމަތިވެރި ސަވާބު ލިބޭނީ ކޮންކަހަލަ ރޯދަވެރިންނަކަށް ތޯއެވެ؟ ރޯދަ ހިފާ ވަރަށް ގިނަ ބަޔަކު އުޅެއެވެ. ނަމަވެސް މި ސަވާބު ޙައްޤުވާ ރޯދަވެރީން ވަރަށް މަދެވެ. މި ސަވާބު ޙައްޤު ވާނީ ޙަޤީޤީ ރޯދަވެރީންނަށެވެ. ޙަޤީޤީ ރޯދަވެރިންނަކީ އެމީހުންގެ ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި ބަނޑާއި ބަނޑުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި އަތާއި ފަޔާއި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކުން ރޯދަހިފާ މީހުންނެވެ.

ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުން ރޯދަ ހިފާ މީހާ، ދުލުންނާއި ލޮލުންނާއި ކަންފަތުންނާއި ސިކުނޑިން ރޯދަހިފާނެއެވެ. އޭނާގެ ދުލުން އެއްވެސް މީހަކަށް ގޯނާއެއް ނުކުރާނެއެވެ. އޭނާގެ ދުލުން އަބަދުވެސް ނުކުންނާނީ ހެޔޮބަސްތަކެވެ. ފައިދާ ހުރި ބަސްތަކެވެ. މީހުން އެއްގަލަށް އެރުވުމުގެ ބަސްތަކެވެ. ފިތުނަފަސާދަ އުފެއްދުމެއް ނެތް ބަސްތަކެވެ. އެމީހުން ޗެޓްކުރާއިރު ޣީބައެއް ނުބުނާނެއެވެ. އެމީހުން ވައިބަރު ކުރާއިރު އެހެން މީހުންނަށް ފުރައްސާރައެއް ނުކުރާނެއެވެ. އެމީހުންގެ ބްލޮގްތަކުގައި އެހެން މީހުންގެ އަބުރަކާ ނުބެހޭނެއެވެ. އެމީހުން ރުޅިއަރުވަން އުޅޭނަމަ އެމީހުން ބުނާނީ "މަ މި ހުށީ ރޯދައަށެވެ." މިހެން ބުނެ އެފަދަ ސައިޓްތަކުން ބޭރަށް ނުކުންނާނެއެވެ. އެފަދަ މީހުންނާ އެކަހެރިވާނެއެވެ.

އޭނާގެ ލޮލުން މާތްﷲ ޙަރާމްކުރެއްވި އެއްވެސް އެއްޗަކަށް ނުބަލާނެއެވެ. އޭނާގެ ލޮލުގެ ފެނުން ބޭނުންކުރާނީ އެހެން މީހުންނަށްޓަކައެވެ. މުޖްތަމަޢަށްޓަކައެވެ. ދުޝްމަނުންގެ ޙަމަލާތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައެވެ. ލޯބޯކޮށި މީހުންނަށް މަގުހިނގުމަށާއި މަގުހުރަސްކޮށްދިނުމަށް އެހީވުމަށްޓަކައެވެ. އޭނާ އަކީ ބެލުންތައް ތިރިކޮށްގެން މަގުމަތީ އުޅޭ މީހެކެވެ. އޭނާ އެހެން މީހުންގެ ޢައުރަތައް ހާމައެއް ނުކުރާނެއެވެ. އެހެން މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ސިއްރުސިއްރުން ނަގައި މީސްމީޑިއާގައި ހާމައެއް ނުކުރާނެއެވެ.

އޭނާގެ ކަންފަތުން މާތްﷲ މަނާކުރެއްވި ވާހަކަތައް އަޑެއް ނާހާނެއެވެ. އޭނާގެ އިވުން ބޭނުންކުރާނީ އޭނާއަށް ފައިދާހުރި ކަންތައްތަކަށެވެ. އެހެންމީހުންނަށް ގެއްލުމެއް ނެތް ކަންތައްތަކަށެވެ.

އޭނާގެ ބުއްދީގެ ބޭނުންކުރާނީ ރަނގަޅުކަންތައްތަކާ މެދު ވިސްނާ ރޭވުމަށެވެ. ނުބައި ކަމަކަށް ރޭވުމަށް ނުވަތަ ނުބައިކަމަކަށް ޚިޔާލު ދިނުމަށް އޭނާގެ ސިކުނޑި ބޭނުމެއް ނުކުރާނެއެވެ. މީހަކަށް ލަނޑެއް ދޭކަށް ނުރާވާނެއެވެ.

އޭނާގެ ބަނޑަށް އެތެރެކުރާނީ ޙަލާލު ކާއެއްޗެއްސާއި ބޯއެއްޗެއްސެވެ. ތަންތަނުން ވަގަށް ނަގައިގެން ނުވަތަ ފޭރިގަނެގެން އޭނާ ކައިބޮއެއް ނަހަދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *