އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން މިއަދު އިފްތިތާހުކޮށްފިއެވެ. މި ކެމްޕެއިނަކީ އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި ދެވަނަ ފަހަރު ބޭނުންކުރުމަށް ބާރު އަޅައި "ވޯލްޑް ރިސައިކްލިންގ ޑޭ"އާ ގުޅުވައިގެން އެޗްޑީސީން ތައާރަފްކުރި ކެމްޕެއިނެކެވެ.
"ރޯދަމަހާ ގުޅިގެން ގޭތެރެ ޒީނަތްތެރި ކުރުމަށް ގޭގައި ބޭނުންކުރާ ފަރުނީޗަރު ފަދަ ތަކެތި ބަދަލުކުރުމަކީ ޒަމާނުއްސުރެ ދިވެހީންގެ އާދަކާދައިގެ ތެރޭގައިވާ ކަމެކެވެ. އެހެންކަމުން، މި ކެމްޕެއިން މެދުވެރިކޮށް، ބޭނުންކުރެވޭ ހާލަތުގައި ހުރި މިފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ." އެޗްޑީސީގެ ބަޔާނެއްގައި ބުނެފައިވެއެވެ.
"މިގޮތުން، ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 2:00 އިން ފެށިގެން 26 މާރިޗު 2022 ވާ ހޮނިހިރު ދުވަހުގެ 2:00 ގެ ނިޔަލަށް ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަހައްދުގައި ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި، އަދި އެތަކެތި ބަލާ އަންނަ ފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ."
އެޗްޑީސީން ބުނީ މި ކެމްޕެއިންގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގެއާއި ގޭތެރޭގައި ބޭނުންކުރެވޭ ތަކެތި ކަމަށެވެ. އަދި އެ ސަރަހައްދަށް މި ތަކެތި ގެނައުމާއި އަނބުރާ ގެންދިއުމުގެ އިންތިޒާމް އެ ފަރާތަކުން ހަމަޖައްސަންވާނެ ކަމަށާއި ކާބޯތަކެތި ނުވަތަ ކުނިވާ ބާވަތުގެ ތަކެތި ގެނައުމާއި މި ތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މި އިވެންޓް ތެރެއިން ހިންގުމަކީ މަނާކަމެއް ކަމުގައި ވެސް އެޗްޑީސީން ބުންޏެވެ.
"މިއީ، އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި ދެވަނަފަހަރަށް ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އާލާކުރުމުގެ ގޮތުން މި ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ސަބަބުން އާންމުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި މި ކޯޕަރޭޝަނުން ދެކެމެވެ. އަދި މުސްތަޤުބަލުގައި ވެސް އާންމުންނަށް ބޭނުންވާނެ ކަންތައްތައް އެ ފަރާތްތަކަށް ހޯދައިދިނުމުގައި މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ."



advertisment

