ރާއްޖޭގެ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފިއެވެ. މިއަދު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި ޕާޓްނަރޝިޕް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އައިޖީއެސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.
މި މިޝަންގެ ފުރަތަމަ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ.
"މި ތާރީޚީ މިޝަންގެ މެއިން ޕާޓްނަރަކަށް ވުމީ މި ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމުގައި ދެކެމެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އައިޖީއެސް އިން ފާހަގަކުރައްވާ ގޮތުގައި އެޗްޑީސީގެ އެހީތެރިކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި މިޝަންގެ މަޤްޞަދު ހާސިލުކުރެވޭނެއެވެ." އެޗްޑީސީގެ ބަޔާނެއްގައިވެއެވެ.
މިއީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައިޖީއެސް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެއެވެ.



advertisment

