ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން (ޖީ.ސީ.އޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)، ޑޮކްޓަރ ޕެޓްރިކް ވެރްކޮޔަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖީސީއޭގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި، ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޖީސީއޭގެ ސީއީއޯއާ ޙިއްޞާކުރައްވައި އެކަންކަން ކާމިޔާބުކަމާއެކީ ކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ޚާއްޞަކޮށް މާލީ ކަންކަމުގައި ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޖީސީއޭގެ ސީއީއޯ ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭގޮތުން ރާއްޖޭގެ އިތުރުން އެހެން ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު ޖީސީއޭ އިން ކުރަމުން އަންނަ ބައެއް މަޝްވަރާތަކާއި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ވެސް ސީއީއޯ ވިދާޅުވިގޮތުގައި ޖީސީއޭ އިން ރާއްޖެއަށް ހުށަހަޅާ ކަންކަމަކީ ރައީސް ސާލިޙްގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ޢަމަލީ މަސައްކަތް ހިމެނޭހެން ހުށަހަޅާ ކަންތައްތަކެކެވެ. އަދި ޑޮކްޓަރ ވެރްކޮޔަން ވަނީ ތިމާވެށީގެ ކަންކަމުގައި ޖީސީއޭގެ ފަރާތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
ޖީސީއޭއަކީ މޫސުމަށް އަންނަ ބަދަލުތަކުން ޤައުމުތައް އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ.



advertisment