މާފުށީ ޖަލަށް ވައްދަން ތައްޔާރުކޮށްފައި ހުރި މޯޯބައިލް ފޯނުތަކަކާއި ޗާޖަރާއި ހެޑް ސެޓުތަކަކާއެކު ހަ މީހަކު ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓަކުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް ދޭއް ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޮޕަރޭޝަނުގައި ކަމަށެވެ.
އެގޮތުން، ތިޖޫރީއެއް ހިފައިގެން ހިޔާ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުން ވަނީ ފިލަން މަސައްކަތްކޮށްފައި ކަމަށާއި ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން 18 މޯބައިލް ފޯނާއި 28 ޗާޖަރާއި 28 ހެޑް ސެޓާއި 10 މެމޮރީ ކާޑާއި 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވާ ކަމަށާއި އެ ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައި ހުރި ތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment