Support Us

ހުޅުމާލޭގެ ބިނާތަކުގެ ތެރެއިން ތަފާތު ފަންނުވެރިކަމެއް ފެނިގެންދާނެ މިސްކިތެއް ހިޔާ ފްލެޓް ސަރަހައްދުގައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ހިޔާ ފްލެޓް ސަރަހައްދުގައި ބިނާކުރާ މިސްކިތަކީ ހުޅުމާލޭގެ ބިނާތަކުގެ ތެރެއިން ތަފާތު ފަންނުވެރިކަމެއް ފެނިގެންދާނެ މިސްކިތަކަށްވާނެ ކަމުގައި އެޗް.ޑީ.ސީން ބުނެފިއެވެ.

އެޗް.ޑީ.ސީން ބުނީ މިއީ 30،655 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މިސްކިތެއް ކަމަށާއި މި މިސްކިތުގެ އެތެރޭގައި 1،400 މީހުންގެ ޖާގަ އަދި ކޯޓްޔާޑާ ލައިގެން 3،000 މީހުންގެ ޖާގަ ހިމެނޭ ކަމަށެވެ.

"މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ދިމާވާ މައްސަލަތަކަށް ބަލައި، މި މިސްކިތް ފަރުމާކުރުމުގައި އިސްކަން ދީފައިވަނީ މިސްކިތުގެ ޖާގަ ބޮޑުކޮށް މީހުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް ވިސްނާފައެވެ. އެގޮތުން، މިސްކިތުގެ ކޯޓްޔާޑް ފަރުމާކުރެވިފައިވަނީ ބޮޑު ޖަމާޢަތެއްގައި މީހުންނަށް އިށީނދެވޭ ކަހަލަ ގޮތަކަށެވެ. އަދި މީގެ އިތުރުން 139 ސައިކަލު ޕާކް ކުރުމުގެ ޖާގަ ވެސް ދެވޭ ގޮތަކަށެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައިވެއެވެ.

"މި މިސްކިތް ބިނާކުރުމުން ވަރަށް ގިނަ ލުއިފަސޭހަ ތަކެއް އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އޭގެތެރޭގައި، ނަމާދުކޮށް ނިމުމުން މިސްކިތުން ފައިބަން ދިމާވާ ދަތިތަކަށް ހައްލެއް ލިބި އަދި ރަމަޟާން މަހުގައި، މިސްކިތަށް އަރައިފޭބުމުގައި ތޮއްޖެހުން ކުޑަވެ ނަމާދުކުރަން ފަސޭހަ ވެގެންދާނެއެވެ."

އެޗް.ޑީ.ސީން ބުނީ މި މިސްކިތް ބިނާކުރުމަށްޓަކައި އެޗް.ޑީ.ސީއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ކަމަށާއި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

މި މިސްކިތް ފަރުމާކޮށްފައިވަނީ އެޗް.ޑީ.ސީން ކަމަށާއި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް