ޓެކްސީއަކުން ފެނުނު މަސްތުވާ ތަކެއްޗާ ގުޅިގެން، މި ޑިސެމްބަރުމަހު 12ގައި ދެ މީހަކު ހައްޔަރުކުރި މައްސަލައިގެ ތަފްސީލާއި އެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެ މީހަކު ހައްޔަރުކޮށް ޓެކްސީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ޓެކްސީގައި ތިއްބާ ހައްޔަރުކުރި ދެ މީހުން
- އަޙްމަދު ސުނައިނު، 25، ގދ. ހޯނޑެއްދޫ/ އިރުމަތީގެ
- އަލީ ޒުބައިރު، 52، ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ
މި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން އެ ޓެކްސީން ފެނިފައިވާ ތަކެއްޗަކީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި "ބަންގާ" ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކަމަށް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން ފަސް ރަބަރު ޕެކެޓް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
"ބަންގާ" ލޯންޗުން މަސްތުވާތަކެތި އެތެރެކުރި ކަމަށް ފުލުހުން ބުނާ މީހުން
- އަލީ ޒުބައިރު، 52، ހޯނޑެއްދޫ/ ގުލޭނޫރަންމާގެ
- މުޙައްމަދު އަކްރަމް ޢަބްދުލް ހަންނާން، 31، ހޯނޑެއްދޫ/ ދޯދި
- އަޙްމަދު މުޖާހިދު، 29، ހޯނޑެއްދޫ/ އަލޯރާ
މަސްތުވާތަކެތީގެ މައި ޑީލަރު ފުރައިފި
ފުލުހުން ބުނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރީ އަރުޝަދު ޚާލިދު، 26، ހޯނޑެއްދޫ/ އަލޯރާ، ކަމަށާއި އެ ތިން މީހުންނާ ބައްދަލުކޮށް ކަމުގެ އިރުޝާދު ދިނުމުގައި އަރުޝަދު ޚާލިދު ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދާއި މުޙައްމަދު އަކްރަމް ޢަބްދުލް ހަންނާން ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ އަޙްމަދު ސުނައިން އާއި އަލީ ޒުބެއިރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެ މީހުން ކަމަށް ވެސް ފުލުހުން ބުނެއެވެ.



advertisment