ގޯނިތަކެއްގައި ފޮރުވާފައި ހުރި 177 ބިޔަރު ދަޅު ކ. ގުރައިދޫ ފުލުހުން ރޭ ހޯދައިފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްްކަތްތަކުގެ ތެރެއިން، ގުރައިދޫގައި ރޭ ހިންގި އޮޕަރޭޝަނެއްގައި އެ ތަކެތި ހޯދާފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެ ތަކެތި ފެނުނީ އެ ރަށުގެ ހުސްބިމެއް ބަލައި ފާސްކުރުމުގެ ތެރޭގައި، ގޯނިތަކެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި ގުރައިދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ގުރައިދޫއަކީ ގެސްޓްހައުސް ވިޔަފާރި އޮންނަ ރަށެކެވެ. ކްރިސްމަހާއި އާ އަހަރު ފާހަގަކުރަން ގިނަ ބަޔަކު އެ ރަށަށް ވަނީ ޒިޔާރަތްކޮށްފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަކީ ގާނޫނުން މަނާކޮށްފައި އޮންނަ ކަމެކެވެ.



advertisment