Support Us

އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި ޢުމަރު ޒާހިރު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަންނަންޖެހޭ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ ކިތަންމެ ކުރިބޯއްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަ މަތިން ފެންނަން އެބަހުރިކަމަށާއި، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަނެ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި އެމަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢުމަރު ޒާހިރަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއް ދެއްކެވި ބޭފުޅެއްކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާ ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޢުމަރު ޒާހިރަކީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫނެވެ. އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ޢުމަރު ޒާހިރު އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް